މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް، މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްސަކޮށްގެން ފަށާފައިވާ 'ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް' މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި އިނިޝިއޭޓިވް އިފްތިތާހުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިސްލާމީ މާލީ ނިޒާމު ކުރިއެރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ މަރުކަޒީ ބޭންކު ކަމަށެވެ. އަދި މެލޭޝިއާ ފަދަ ޤައުމުތަކުގައި މި ނިޒާމު ކުރިއަރައިގެން ގޮސްފައިވަނީ އެ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުން އިސްނަގައިގެން ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށްވެސް އެ ވަޒީރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވީ، އިސްލާމީ މާލީ ނިޒާމާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުމަށާއި އެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް އެމްއެމްއޭއިން އިސްނަގައިގެން މުހިންމު މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އިސްލާމީ މާލީ ނިޒާމުގައި މުހިންމު ހަބަކަށް ހެދުން،" ގަވަރުނަރު ވިދާޅުވިއެވެ.
ތަމްވީލް އިނިޝިއޭޓިވްގެ ދަށުން، އިސްލާމީ މާލީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްސަ ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑެއް ވެސް ވަނީ އިޢުލާންކޮށްފައެވެ. އެމްއެމްއޭއިން 5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފަށާފައިވާ މި ފަންޑުގެ ދަށުން އިސްލާމީ މާލީ ނިޒާމާ ގުޅޭ އެކިއެކި ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތަކަށް ސްޕޮންސަރޝިޕް ލިބިގެންދާނެއެވެ.
މީގެ އިތުރުން، އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މި ރަމަޟާން މަހު ޓީވީ މޯލްޑިވްސްއިން "ތަމްވީލް" ގެ ނަމުގައި ޕްރޮގްރާމެއް ގެނެސްދިނުމަށް ވަނީ ހަމަޖެީ ހަމަޖެހިފައެވެ. އަދި "ތަމްވީލް ކުއިޒް" މުބާރާތެއްވެސް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ކުއިޒްގައި ބައިވެރިވާ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކްގެ ފަރާތުން 1,000 ރުފިޔާގެ ގިފްޓް ކާޑު އަދި 2 މީހުންގެ އުމްރާ ދަތުރެއް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!