ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި، ރައީސް ވަނީ ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޖަޕާނުގެ އެމްޕެރާ ހިޒް މެޖެސްޓީ ނަރުހިތޯ އަދި ޕްރައިމް މިނިސްޓަރ ހިޒް އެކްސެލެންސީ ޝިގެރޫ އިޝިބާއަށާއި، ޖަޕާނުގެ ސަރުކާރަށާއި، އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.

Ad
rt

ރައީސް އޮފީހުން ބުނިގޮތުގައި، ޖަޕާނުގެ އެމްޕެރާއަށާއި ބޮޑުވަޒީރަށް ވަކި ވަކިން ރައީސް ފޮނުއްވި ސިޓީފުޅުތަކުގައި، ރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ބިނާވެފައި ވަނީ އެއްޤައުމު އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި އިތުބާރުގެ މައްޗަށްކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސް ސިޓީފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް ޖަޕާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައިވެއެވެ.

ޖަޕާނުގައި ޤައުމީދުވަސް ފާހަގަ ކުރަނީ، އެ އިރެއްގައި ޖަޕާނުގެ އެމްޕެރާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ އުފަންދުވަހާ ގުޅުވައިގެންނެވެ. އެގޮތުން މިހާރު ޖަޕާނުގެ ގައުމީ ދުވަސް ފާހަގަކުރަނީ ފެބުރުވަރީ 23 ގައެވެ.