ރައީސް ޑރ. މުހައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަންކުރަށްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާއި، އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިޞްލާޙުގެ ދަށުން، އެ ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ލިބިދީފައި ވަނީ ރައީސް އަށެވެ.
އެ ބާރު ރައީސަށް ލިބިދީފައި ވިޔަސް، އެ މަގާމުތަކަށް މީހުން އައްޔަނުކުރެވެނީ ރައީސް ޚިޔާރުކުރަށްވާ ނަންތައް މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ރުހުން ހޯދައިގެންނެވެ.
މިގޮތުން އީސީގެ ރައީސާއި ނައިބު ކަމަށް ޢައްޔަނުކުރުމަށް ޒާހިދާއި ސޮލާހްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވުމުން އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވަނީ މި ދެ ބޭފުޅުންނަށް ރުހުން ދީފައެވެ.
އެ ދެ ބޭފުޅުން މަގާމަށް ޢައްޔަނުކުރުމަށް މަޖިލީހުގެ ރުހުން އޮތްތޯބެލުމަށް ނެގި ވޯޓުގައި ދެ ބޭފުޅުންނަށް ވެސް ފެންނަކަމަށް 69 މެމްބަރަކު ވޯޓު ދެއްވިއެވެ. އަދި އެ ދެ ބޭފުޅުން މަގާމަށް ޢައްޔަނުކުރުމަށް ނުފެންނަކަމަކަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.
ޒާހިދާއި، ސޮލާހް އީސީގެ މެމްބަރުކަމަށް ޢައްޔަނުކޮށްފައި ވަނީ 26 ޖެނުއަރީ 2025 ގައެވެ.
އީސީގެ ރައީސްކަމުގައި ކުރިން ހުންނެވީ ފުއާދު ތައުފީގެވެ. ފުއާދު ވަނީ 15 ސެޕްޓެމްބަރު 2021 އިން 23 ނޮވެމްބަރު 2024 އަށް އީސީގެ ރައީސްގެ މަގާމު ފުރުއްވާފައެވެ. ކުރިން ވެސް އީސީގެ ރައީސްކަން ކުރެއްވި ފުއާދުގެ އެންމެ ފަހުގެ ދައުރު ހަމަވީ 23 ނޮވެމްބަރު 2025 ގައެވެ. ފުއާދު މިހާރު ވަނީ ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަނުކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!