އާސަންދައިން ބޭސް ލިބުން ކަށަވަރުކޮށް ނިޒާމު ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިންމަވައިފިއެވެ.
މި ފިޔަވަޅުތައް އަޅުއްވަން ނިނެމެވީ، އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅި ކަރުދާހަކާ ގުޅިގެން މަޝްވަރާތަކަށް ފަހުގައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ފިޔަވަޅުތަކުގެ މައިގަނޑު މަޤްޞަދަކީ އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި މާލީ ތަކުލީފުތައް ނައްތާލުމެވެ. އަދި ހަމައެއާއެކު، އާސަންދައިން ބޭހަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ.
މިގޮތުން ރައީސް ކަނޑައެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގައި ޕްރެސްކްރައިބްކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން، ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވާލުމާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ނިންމަވާފައެވެ.
އަދި ހަމަ މިއާއެކު، އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސް.ޓީ.އޯ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ރާއްޖެއިން ބޭރުން ބޭސް އެތެރެކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
މާލޭގައި ގާއިމުކުރުމަށް ނިންމާފައިވާ 4 ޖީ.ޕީ ކްލިނިކުން އެސް.ޓީ.އޯ ގެ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، މި ނިޒާމު ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގައި ގާއިމުކުރުމަށްވެސް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ރަށްރަށުން ލިބެން ނުހުންނަ ބޭސްތައް ބަލިމީހާ އެދުމުން އެސް.ޓީ.އޯ އިން އެ މީހާއަށް ބޭސް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ނިންމަވާފައެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުން ބޭސް އެތެރެކުރުމަށް ކުރެވޭ މަސައްކަތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދައުރު ފުޅާކުރު ފުޅާކުރުމާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް އަވަހަށް ޙައްލުކުރުމަށް މިނިސްޓްރީ އޮފް ހެލްތުގެ ދައުރު ހަރުދަނާ ކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
އިންޕޭޝަންޓުންނަށް ހޮސްޕިޓަލުތަކުން އެސް.ޓީ.އޯ މެދުވެރިކޮށް ބޭސް ލިބޭނެ ގޮތް ހަމަޖެއްސުމާއި، އެތެރެ ކުރެވޭ ކޮންމެ ބޭސް ގުޅައެއް ޓްރޭސްކުރެވޭނެ ގޮތަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގައި ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމަކީވެސް މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމެވެ. މީގެ އިތުރުން، ބޭސް ސިޓީން ޕޭޝަންޓަށް ބޭހުގެ ލިބެންހުރި މިންވަރާއި ހުރި ތަން އެނގޭނެ ގޮތް ފަހިކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
މި ފިޔަވަޅުތަކަކީ ރައީސް މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން، އާސަންދައިން ބޭސްހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި މާލީ ތަކުލީފުތައް ނައްތާލުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!