ސްޕޯސްޓް ފިޝިން ކަނދުފަތި އަޅަމުން ދަނީ ދިރާސާކުރެވިގެން ވީހާވެސް ކައިރިކައިރީގައި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމުގެ ވަގުތުގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު، ސްޕޯޓްސް ފިޝިން ކަނދުފަތިތައް އެޅުމާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އެއީ މިހާރު ޓްރެންޑަކަށް ވެފައިވާ ކަމެއްކަމަށާއި، އެމަނިކުފާނު ކުރިން ފާހަގަކުރެއްވިފަދައިން މިހާރު ވެސް އެފަދަ ކަނދުފަތިތައް އަޅަން 80 އަށް ވުރެ ގިނަ ރިކުއެސްޓް ލިބިފައިވާ ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ސްޕޯސްޓް ފިޝިން ކަނދުފަތި އަޅަމުން ދަނީ ދިރާސާކުރެވިގެން ވިއުގައެއްގެ ގޮތުގައެވެ.
''ފަހަރުގައި ކޮންމެ ރަށަކުން ބޭނުންވީމަ އަޅުގަނޑުމެންނަށް އެ ބޮއި ނޭޅިދާނެ، އެހެންނަމަވެސް އެ ދިރާސާގެ އަލީގައި އެ ވިއުގައަށް އެއް ރަށް ދެ ރަށް އެއްކޮށްލާފަ މާދުރުނޫން ކޮންމެ ރަށަކުން، އެންމެ ދުރުކޮށް މިބަލަނީ 6 މޭލުވަރު، އެއަށްވުރެ ދުރުނުކޮށް، ވީހާ ވެސް ކައިރީގައި ސްޕޯޓްސް ފިޝިން ބޮއި އެޅޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ'' ވަޒީރު ވިދާޅުވިއެވެ.
ކަޅުބިލަ މަހަށް އަޅާ ކަނދުފަތި ވެސް އުފައްދަނީ ހުޅުމާލޭގައިކަން ފާހަގަކުރަށްވަމުން އެކަމަށް ހުރީ އެންމެ ސެންޓަރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވިގޮތުގައި މި ސަރުކާރުގެ އަމާޒަކީ ހުޅުމާލޭ ސެންޓަރާއެކު މުޅި ރާއްޖޭގައި ތިން ސެންޓަރު ހިންގުން ކަމަށެވެ. މިގޮތުން އުތުރުގެ އަޅާ ސެންޓަރުގެ މަސަށްކަތް ށ. ފުނަދޫ ފެށިފައިވާކަމަށާއި، ދެކުނު ގައި ވެސް ވަރަށް އަވަހަށް ސެންޓަރެއް އެޅުމުގެ މަސައްކަތް ފައްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭރުން ކަނދުފަތި އުފެއްދުމަށް ހައްލެއް ލިބިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!