ރާއްޖޭގައި އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހެދި ދިރާސާ، ''ހެޕިނެސް އިންޑެކްސް''، (އުފާވެރިކަމުގެ މިންގަނޑު) މިއަދު ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މިކަމަށްޓަކައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިންޑެކްސް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދެވެ.

Ad
rt

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ހަވާލުކުރުމުން ރާއްޖޭގައި އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ''ހެޕިނެސް އިންޑެކްސް''، (އުފާވެރިކަމުގެ މިންގަނޑު) ދިރާސާގެ މަސައްކަތްކުރީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިންނެވެ.

ހެޕިނެސް އިންޑެކްސްގައި ދިރާސާކޮށްފައިވާ ދާއިރާތަކު ތެރޭގައި، ނަފުސުގެ ނުވަތަ ނަފުސާނީ ދުޅަހެޔޮކަމާއި، ޖިސްމުގެ ނުވަތަ ޖިސްމާނީ ދުޅަ ހެޔޮކަމާއި، ދިރިއުޅުމުގެ އެންމެހައި ދާއިރާތަކަށް ވަގުތު ދެވޭ މިންވަރާއި، ކަންކަން ދަސްކުރުމަށާއި، ފަންނުވެރިކަމާއި، ޘަޤާފީ ކަންކަން ކުރުމަށް ފުރުޞަތުލިބުމާއި، މުޖުތަމައުގެ ގުޅުން ނުވަތަ އެއްބައިވަންތަކަމާއި، އިޖުތިމާޢީ އެހީތެރިކަމާއި، ތިމާވެށްޓާ ގުޅުން އޮންނަ މިންވަރާއި، ސަރުކާރާ މެދު ދެކޭ ގޮތާއި، ދިރިއުޅުމުގެ ފެންވަރާއި އަދި ކުރާ މަސައްކަތްތަކަށް ހިތްހަމަޖެހުން ލިބޭ މިންވަރު ހިމެނެއެވެ.

ހެޕިނެސް އިންޑެކްސްއަކިީ އެ ޤައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށް ބަލައި، އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހަދާ އިންޑެކްސްއެކެވެ. ހެޕިނެސް އިންޑެކްސް އާންމުކުރުމަކީ މިހާރަކަށް އައިސް ދުނިޔޭގައި އާންމުކޮށް ކޮންމެ އަހަރަކު ކުރަމުން އަންނަ ކަމެކެވެ. އާންމުކޮށް ދުނިޔޭގައި މި ކަން ބަލައި އުޅެނީ 10 ދާއިރާއަކަށް ބަލައިގެންނެވެ.

ދުނިޔޭގެ ހެޕިނެސް އިންޑެކްސްގައި މި ވަގުތު އެންމެ ކުރީގައި އޮތީ ފިންލެންޑެވެ.