ހއ. އުލިގަމުގައި ތަރައްގީކުރާ ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމޭއިރު އެ ދަނޑުގެ އިތުރުކަންކަން ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އަންގާރަ ދުވަހު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު މެންދުރު މޮޅަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި އެރަށުގެ ތަރައްގީއަށް ބޭނުންވާ އެކިކަންކަމަށް އަލިއަޅުވާލައްވައި ދެއްކެވި ވާހަކަފުޅުގައި ކުޅިވަރުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން އުލިގަމު ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތަކީ ބަޔަކާ ހަވާލުކުރެވިގެން ހިނގާ މަސައްކަތެއްކަން ފާހަގަކުރަށްވައި ވިދާޅުވީ، މުޅި ދަނޑަށް ބޭނުންވާ ހުރިހާ ކަމެއް އެ މަޝްރޫޢަކު ނިމޭއިރުގައި ހިމެނިފައިނެތްކަމަށެވެ.

މިދިޔަ ސަރުކާރުން ގިނައިން ދަނޑުތައް ޙަވާލުކޮށްފައި ހުރީ މިކަހަލަ ގޮތަކަށްކަމަށާއި، މިދިޔަ ސަރުކާރުން ދަނޑުތަކުގެ މަސައްކަތް ހަވާލުކޮށްފައި ހުރީ، ދަނޑުގެ ޓާރފްއެޅުން ކޮންމެވެސް ބަޔަކަށް، ފެންސުޖެހުން އެހެން ބަޔަކަށް، ލައިޓް ހަރުކުރުން އެހެން ބަޔަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

''މިހެންގޮސް ބައިބަޔަށް ބަހާލާފައި ހުރުމުގެ ސަބަބުން، އެއްވެސް މަޝްރޫޢެއް އެކީގައި، ދާގޮތަށްގޮސް ނިންމޭކަހަލަ ގޮތަކަށް ނޫން އޮތީކީ. އަޅުގަނޑުމެން މިހާރު ވާނީ، އެކަމަށްވެސް ސިޔާސަތެއް ކަނޑައަޅާފައި. ދަނޑެއްވިއްޔާ، ޙަވާލުކުރެވޭ ބަޔަކު ހުރިހާ ކަމެއް ކޮށް ނިންމާގޮތަށް. އޭރުން ދަނޑުގެ ޓާރފްއެޅުން ކަމުގައިވިޔަސް، ވަށާފާރު ރާނައި، ފެންސު ޖެހުން ކަމުގައިވިޔަސް، ލައިޓް ހަރުކުރުން ކަމުގައިވިޔަސް، ރޮސްޓްރަމް ހެދުން ކަމުގައިވިޔަސް، އެ ހުންނަންޖެހޭ ހުރިހާ ކަމެއް އެކީގައި ނިމޭގޮތަށް، ފުލް ޕްރޮޖެކްޓް ހަވާލުކުރުން'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތްތާނގައި، މި އަހަރު ތެރޭގައި މަޝްރޫޢުތައް ހަވާލުކުރާނީ އެގޮތަށް، އެހެން ހިނގަހިނގާ ހުރި މަޝްރޫޢުތަކަށް ވެސް ބޭނުންވާ ބައިތައް އިތުރުކޮށްގެން ކަމަށެވެ.

''އެހެންވީމާ، މި ރަށުގައި ތިޔަބޭފުޅުންގެ މި ދަނޑު ނިމޭއިރުގައި، ފެންސު ޖެހިގެންދާނެ، އަދި ލައިޓްވެސް ހަރުކުރެވިގެންދާނެ. އެކަމަކު އެ މަސައްކަތް އެހެން ބަޔަކާ އަޅުގަނޑުމެން ޙަވާލުކުރަން ޖެހޭނީ. މިހާރު ހަދަމުންދާ ކުންފުނި ލައްވައެއް ނުކުރެވޭނެ. އެހެންވީމާ، މި ރަށަށް މޮބިލައިޒް ވެފައި އޮތް، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް، އެއީ، އެމް.ޓީ.ސީ.ސީ. މިވަގުތު މިތާއޮތީ. އެހެންވީމާ، އެމް.ޓީ.ސީ.ސީ. މެދުވެރިކޮށް، ސަރުކާރުގެ ނިޒާމުގެ ތެރެއިން އަޅުގަނޑުމެން އެކަން ހަމަޖައްސާނަން.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން މިހާރު ނިންމާފައި ވަނީ ސަރުކާރުގެ ކޮންމެވެސް ކުންފުންޏެއް، ސަރުކާރުގެ ޙިއްޞާ އޮންނަ، ނޫނީވިއްޔާ ސަތޭކަ އިންސައްތަ ސަރުކާރުގެ ކުންފުންޏެއް، ރަށެއްގައި މޮބިލައިޒް ކުރެވިފައި އޮވެއްޖެނަމަ އެ ކުންފުންޏެއް މެދުވެރިކޮށް، ވީހާވެސް އަވަހަކަށް، މަސައްކަތްތައް ހިނގާގޮތް ހެދުމަށް ކަމަށެވެ.

ރައީސް ވަނީ އުލިގަމަށް ކުރެއްވި ޒިޔާރަތަށްފަހު ހއ. އަތޮޅުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފައެވެ.