ރާއްޖޭގެ ބްރޯޑްކާސްޓިންގެ ޚިދުމަތަކީ، ޤައުމީ ބަދަހިކަމުގެ އަގުހުރި ޚާދިމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި، "ވިޝަންސް އޮފް ދަ ފިއުޗަރ" ކުރެހުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އިއްުޔެ ވާހަކަފުޅު ދައްކަވަމުންނެވެ.
"ވިޝަންސް އޮފް ދަ ފިއުޗަރ" ކުރެހުމުގެ މުބާރާތަކީ، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ.
މި މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މެޑަމް ސާޖިދާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ބްރޯޑްކާސްޓިންގެ ޚިދުމަތް ސިފަކުރެއްވީ، ދުރުދުރުގައި މާކަނޑެއްގެ އުސްރާޅުތަކުގެ ނިވަލުގައި އެތުރިފައިވާ ރަށްތައް ގުޅުވައިލަދިން، ޤައުމީ ބަދަހިކަމުގެ އަގުހުރި ޚާދިމެއް ގޮތުގައެވެ.
މެޑަމްގެ ވާހަކަފުޅުގައި ބްރޯޑްކާސްޓިން ދާއިރާގެ މުހިންމުކަން ދަރިވަރުންނަށް އުނގަންނައިދީ، އެ ދާއިރާއާ މެދު ޝައުޤުވެރިކަން އުފެއްދުމަކީ މުހިންމުކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ، މިފަދަ ކުރެހުމުގެ މުބާރާތް ފަދަ ހަރަކާތްތައް މެދުވެރިކޮށް، ދަރިވަރުންގެ ކެރިއަރ ބިނާކުރުމުގައި އެހީތެރިވެވިދާނޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޤައުމެއްގެ ނިސްބަތުގައި ޓީވީ އާއި ރޭޑިއޯ އަދާކުރާ ދައުރު، ފަހުގެ ޖީލުތަކަށް އެނގުމުގެ މުހިންމުކަންވެސް މެޑަމް ސާޖިދާ ވަނީ ފާހަގަކުރަށްވާފައެވެ.
މި ރަސްމިއްޔާތުގެ އެންމެ ޝަރަފުވެރި އިނާމުތައް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!