2020 ވަނަ އަހަރު އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް އަލުން އިންތިޚާބުވެފައިވާނަމަ، 2022 ވަނަ އަހަރު ފެށުނު ޔުކްރެއިން ހަނގުރާމަ ނުހިނގީސްކަމުގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ ޓީވީ ޗެނަލް ރޮސިޔާ 1 އަށް ހުކުރު ދުވަހު ދެއްވި އިންޓަވިއުއެއްގައި ޕުޓިން ވިދާޅުވީ، ޔުކްރެއިން ހަނގުރާމައާ ގުޅޭގޮތުން ސުލްހައިގެ މަޝްވަރާތަކަށް ރަޝިޔާ އަބަދުވެސް ހުޅުވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ އިދާރާތަކާ ގުޅުން ބޭއްވުމަށް ރަޝިޔާއިން އެއްވެސް އިރެއްގައި އިންކާރުކޮށްފައި ނުވާ ކަމަށާއި، ނަމަވެސް ކުރީގެ އެމެރިކާގެ އިދާރާއިން އެފަދަ ގުޅުމެއް ބާއްވަން ބޭނުންވެފައި ނުވާ ކަމަށެވެ.
ޓްރަމްޕާއެކު އޮތް ގުޅުމާ ބެހޭގޮތުން ޕުޓިން ވިދާޅުވީ، އެއީ "ހަމައެކަނި ވިޔަފާރީގެ ގުޅުމެއް، ނަމަވެސް ޢަމަލީ އަދި އިތުބާރު ބިނާވެފައިވާ" ގުޅުމެއް ކަމަށެވެ.
"2020 ވަނަ އަހަރު އޭނާގެ ކިބައިން ވެރިކަން ވަގަށް ނުނަގާ، އޭނާ ރައީސްކަމުގައި ހުރިނަމަ، 2022 ވަނަ އަހަރު ފެށުނު ޔުކްރެއިން ހަނގުރާމަ ނުހިނގައި ދިޔައީސް ކަމަށް އަހަރެން ޤަބޫލުކުރަން" ޕޫޓިންއިތުރަށް ވިދާޅުވިއެވެ.
ޕުޓިން ފާހަގަކުރެއްވި ގޮތުގައި، ޓްރަމްޕްގެ ކުރީގެ ދައުރުގައި ރަޝިޔާގެ މައްޗަށް ގިނަ އަދަދެއްގެ ދަތިތައް ކުރިމަތިކުރުވާފައިވެއެވެ.
"އެއީ ރަޝިޔާގެ އަދި އެމެރިކާގެ މަސްލަހަތަށް އެންމެ ރަނގަޅު ނިންމުމެއް ކަމަކަށް އަހަރެން ނުދެކެން. އަދި ޖޯ ބައިޑެން ވެސް އެ މަގުން ގޮސް، އަހަރެމެންގެ މައްޗަށް އިތުރު ހަނިކުރުންތައް ގެނެސްފައިވޭ. އޭގެ ނަތީޖާ އަހަރެމެން އެންމެންނަށް އެނގޭ - އެ ނިންމުންތަކުގެ ތެރެއިން ގިނަ ނިންމުންތަކަކީ އެމެރިކާގެ އިޤްތިޞާދަށް ވެސް ގެއްލުން ލިބުނު ނިންމުންތަކެއް،" ޕުޓިން ވިދާޅުވިއެވެ.
ރަޝިޔާއަށް ޑޮލަރު ބޭނުންކުރުން މަނާކުރުމަށް ވޮޝިންގްޓަނުން ނިންމި ނިންމުމާ ގުޅިގެން، ބައިނަލްއަޤްވާމީ ފައިސާއެއްގެ ގޮތުގައި ޑޮލަރުގެ މަޤާމު ދަށްވެފައިވާ ކަމަށް ޕުޓިން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!