އީރާނުން ހަތިޔާރު އުފެއްދޭ މިންވަރަށް ޔުރޭނިއަމް މުއްސަނދިކުރުން އަވަސްކޮށްފި ކަމަށް އައިއޭއީއޭ އިން ތުހުމަތު ކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު އ.ދ.ގެ ނިއުކްލިއަރ ވޮޗްޑޯގް އޭޖެންސީގެ އިސްވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވެފައިވަނީ އީރާނުން ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވޭ ފެންވަރަށް ޔުރޭނިއަމް މުއްސަނދިކުރުން އަވަސްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުން ފާއިތުވި މަހު އިޢުލާނުކުރި ގޮތަށް މިހާރު ވަނީ މުއްސަނދިކުރުން އަވަސްކޮށްފައެވެ.

Ad
rt

އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އަށް އީރާނުން އަންގާފައިވަނީ 60 ޕަސެންޓަށް ޔުރޭނިއަމް މުއްސަނދިކުރުން "ހައިރާންކުރުވަނިވި" މިންވަރަކަށް އަވަސްކުރާނެ ކަމަށެވެ. މިއީ ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 ޕަސެންޓާ ގާތް މިންވަރެކެވެ.

ހަތިޔާރު އުފެއްދުމަށް ނޫން ގޮތަކަށް މިފަދަ މަތީ މިންވަރަކަށް މުއްސަނދިކުރުމުގެ ސަބަބެއް ނެތް ކަމަށާއި، މިއީ ނުރައްކާތެރި ކަމެއް ކަމަށް ހުޅަނގުގެ ބާރުތަކުން ބުނެފައިވެއެވެ. އެހެންނަމަވެސް އީރާނުން ބުނެފައިވަނީ އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ކަމެއް ކަމަށާއި، ބޭނުންވާ މިންވަރަކަށް މުއްސަނދިކުރުމުގެ ހައްގު އެ ޤައުމަށް ލިބިގެންވާ ކަމަށެވެ.

ގްރޮސީ ވިދާޅުވި ގޮތުގައި ކުރިން މަހަކު 7 ކިލޯގްރާމް އުފައްދަމުން ދިޔަ ތަނުން މިހާރު 30 ކިލޯގްރާމަށްވުރެ ގިނައިން އުފައްދަމުންދެއެވެ. އައިއޭއީއޭގެ މިންގަނޑުތަކުން ދައްކާ ގޮތުގައި 60 ޕަސެންޓަށް މުއްސަނދިކޮށްފައިވާ 42 ކިލޯގްރާމް ޔުރޭނިއަމްއިން އެއް ނިއުކްލިއަރ ބޮމެއް އުފެއްދިދާނެއެވެ. މިހާރު އީރާނުގައި 200 ކިލޯގްރާމް ވަރު ހުރި ކަމަށް ގްރޮސީ ވިދާޅުވިއެވެ.

ޑަވޯހުގައި ބޭއްވުނު ވޯލްޑް އިކޮނޮމިކް ފޯރަމްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ގްރޮސީ ވިދާޅުވީ އިތުރު ސެންޓްރިފިއުޖްތައް ބެހެއްޓުމަށް ވަގުތު ނަގާނެ ނަމަވެސް މުއްސަނދިކުރުން އަވަސްކުރަން ފަށާފައިވާ ކަމަށެވެ.