ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި ފަތުރުވެރިޔަކަށް ޖިންސީ އަނިޔާއެއް ދޭން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން "ތިލަދުން" އަށް މައުލޫމާތު ދެމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ބުނީ، އެ ރަށުގެ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކޮށްލުމަށް އައިސް ހުރި އަންހެން ފަތުރުވެރިޔަކު އިއްޔެ އެ ރަށު ބީޗުގައި އުޅެނިކޮށް ޖިންސީ އަނިޔާއެއް ދިނުމަށް މީހަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ނަދީމް ބުނީ އަނިޔާ ދިނުމަށް މަސައްކަތްކުރި މީހާގެ ފުށުން ސަލާމަތްވެ، ފަތުރުވެރިޔާ ގެސްޓްހައުސް އައް އައިސް އެކަން، ގެސްޓްހައުސް ހިންގާ ފަރާތަށް ރިޕޯޓް ކުރުމާއިއެކު އެ މައްސަލާގައި ތުހުމަތުވާ މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ދިވެހި ފިރިހެނެކެވެ.
ނަދީމް އިތުރަށް ބުނީ ފަތުރުވެރިޔާ ޑޮކްޓަރަށް ދެއްކުމަށް ފަހު މިހާރު މެޑިކަލް ރިޕޯޓުވެސް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
ފަތުރުވެރިޔަކަށް ޖިންސީ އަނިޔާއެއް ދޭން މަސައްކަތް ކުރުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ނޮޅިވަރަންފަރު ކައުންސިލުން މިއަދު ވަނީ ބަޔާނެއް ވެސް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ނޮޅިވަރަންފަރަކީ ގެސްޓްހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގާ ގިނަބަޔަކު ޝައުގުވެރިވާ ލޯކަލް ޓްއަރިޒަމްގެ ދާއިރާ އިތުރަށް ފުޅާވެ ފައްކާވަމުން އަންނަ ރަށެއް ކަމަށާއި އަދި އެ ރަށަކީ ކައިރި ރަށްރަށުގެ މީހުން މޫދަށްއެރި ޕިކްނިކް އައިސްއުޅޭ، މީހުންގެ މެދުގައި މަގުބޫލު ރަށެއް ކަމަށެވެ.
އިއްޔެ އެ ރަށުގައި އަންހެން ޓޫރިސްޓަކަށް ހަމަލާދީ ޖިންސީ އަނިޔާކުރަން އުޅުނު ހުތުރު އަމަލަކީ ނޮޅިވަރަންފަރަށާއި އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ހިތާމައެއް ކަމަށާއި އަދި ރަށުގެ ރީތިނަމަށް ލިބިގެންދިޔަ ހުތުރެއް ކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ މުޑުދާރު އަމަލު ކުށްވެރިކޮށް އެފަދަ އަމަލުތައް ހިންގާ މީހުންނަށް ހައްގު އަދަބު ދިނުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
އެ ރަށުގައި އެފަދަ މުޑުދާރު އަމަލުތައް ތަކުރާރުނުވާގޮތަށް ބަލައި ކަމާއިގުޅޭ އިދާރާތަކާއިއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދޭކަމުގައި ވެސް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!