ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ ފަހަތުން އަރާ 4-1 ގެ ނަތީޖާއިން ލަސް ޕަލްމާސް ބަލިކޮށްފައެވެ.

ރޭ މެޗުގެ ފުރަތަމަ މިނެޓުގައި ލަނޑުޖަހައި ލަސް ޕަލްމާސް އިން ވަނީ ލީޑުނަގާފައެވެ. މި ލަނޑު ރަމިރޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ފަބިއޯ ސިލްވާއެވެ.

Ad
rt

ރެއާލުގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި އެމްބާޕޭ ޖަހާފައި ވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. ރެއާލަށް މި ޕެނަލްޓީ ލިބިފައިވަނީ ލަސް ޕަލްމާސްގެ ޑިފެންސުން ރޮޑްރިގޯއަށް ފައުލް ކުރުމާއި ގުޅިގެންނެވެ.

މެޗުގައި ރެއާލަށް ލީޑު ނަގައިދިނީ 33 ވަނަ މިނެޓުގައި ބްރަހިމް ޑިއާޒްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އެމްބާޕޭއާއި ލޫކަސް ވަޒްކޭޒް ގުޅިގެން އުފެއްދި ހަމަލާއެއްގައެވެ. އޭގެ ތިން މިނެޓް ފަހުން އެމްބާޕޭ ވަނީ ރެއާލަށް ތިންވަނަ ލަނޑު ޖަހައިދީފައެވެ. މި ލަނޑުތަކާއިއެކު އެމްބާޕޭ ކެރިއަރުގައި ކްލަބްތަކަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 300 އަށް އަރާފައެވެ.

ރެއާލުގެ ހަތަރުވަނަ ލަނޑު 57 ވަނަ މިނެޓުގައި ފެރާން ގާސިއާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ރޮޑްރިގޯއެވެ. މެޗުގެ 64 ވަނަ މިނެޓުގައި ޕަލްމާސްގެ ބެނީޓޯ، ރެއާލްގެ ރޮޑްރިގޯއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ.

މި މޮޅާއިއެކު ރެއާލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 20 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް އެތުލެޓިކޯއަށް 20 މެޗުން ލިބިފައި ވަނީ 44 ޕޮއިންޓެވެ. ތިންވަނާގައި ބާސާ އޮތީ 20 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ.