ފެމިލީކޯޓުގައި ވޭތުވި 2024 އަހަރު ފެމިލީ 2485 ކައިވެނި އަދި 1326 ވަރީގެ މައްސަލަތައް ނިންމާފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

ފެމިލީ ކޯޓުގެ 2024 ވަނަ އަހަރުގެ ތަފާސްހިސާބު ހިމެނޭ އުސްއަލިތައް އެ ކޯޓުން އިއްޔެ އާންމުކޮށްފައިވާއިރު، އެ ކޯޓުން ބުނެފައި ވާގޮތުގައި 2024 ވަނަ އަހަރު ކުރެވުނު މަސައްކަތާއި ދެވުނު ޚިދުމަތްތަކާމެދު އެ ކޯޓުން ހިތްހަމަ ޖެހެއެވެ.

Ad
rt

އެ ކޯޓުން ބުނީ، ފެމިލީ ކޯޓަކީ ހަމައެކަނި ކައިވެންޏާއި ވަރީގެ ކޯޓެއް ނޫންކަމަށެވެ. އަދި އެ ކޯޓަށް ޢާއިލާއާ ގުޅިފައިވާ އެތައް ބާވަތެއްގެ މައްސަލައެއް ކޯޓަށް ހުށަހެޅޭކަން ފާހަގަކޮށް އެކަންކަމަށް ހައްލު ހޯދައިދެވޭކަން އެ ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

ފެމިލީ ކޯޓުން ވަނީ އެ ކޯޓުގެ ޖާގައިގެ ދަތިކަމާއި ބަޖެޓުގެ ތާށިކަމާ އެކު ވެސް އެކަށީގެންވާ އަވަސް މިނެއްގައި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވުނު ކަމަށް ބުނެފައެވެ.

‘’މިއީ މާތް ﷲ ގެ ވާގިފުޅާއެކު ކޯޓުގެ ޤާޟީންނާއި ހީވާގި މުވައްޒަފުންގެ މަސައްކަތުގެ ނަތީޖާއެކެވެ. އަޅުގަނޑުމެން މިތިބީ، މި ފެށުނު އަހަރު ކޯޓުގެ ޚިދުމަތްތައް އިތުރަށް ހަލުވިކޮށް ހަރުދަނާ ކުރުމަށެވެ.’’ ފެމިލީ ކޯޓުން ބުނެފަވެއެވެ.

އެ ކޯޓުގައި މިދިޔަ އަހަރު ޖުމްލަ 4،101 ޝަރީޢަތުގެ އަޑުއެހުން ވަނީ ބާއްވާފައެވެ. އެ ކޯޓުގެ ޢާއިލީ މައްސަލަތަކާ ބެހޭ ބަޔަށް 227 މައްސަލަ ހުށަހެޅުނުއިރު، 119 މައްސަލައަށް ވަނީ ހައްލު ހޯދާދީފައެވެ.

ދެމަފިރިންގެ ދެމެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރުމާއި، ވަރިވެފައިވާ މީހުންގެ ދަރިން ބެލުމާގުޅޭ ހަ އެއްބަސްވުމެއް އެ ކޯޓުން މިދިޔަ އަހަރު ވަނީ ލިޔުމުން ހަދައިދީފައެވެ.

މިދިޔަ އަހަރު އެ ކޯޓުގައި ކޮށްދިން ޖުމްލަ ކައިވެނީގެ އަދަދަކީ 2،485 އެވެ. އެ ކޯޓުގައި ސާބިތުކުރި ވަރީގެ ޖުމްލައަކީ 1326 އެވެ.

ރާއްޖެއިން ބޭރުގައި ކޮށްފައިވާ 181 ކައިވެންޏެއް އެ ކޯޓުގައި މިދިޔަ އަހަރު ރަޖިސްޓަރީކޮށްދީފަވެއެވެ.

އެ ކޯޓުގައި މިދިޔަ އަހަރު 163 ދިވެހި ބިދޭސީ ކައިވެނިކޮށްދީފައިވާއިރު، އެކައިވެނިތަކުގައި ހިމެނެނީ 45 ބިދޭސީ ފިރިހެނުންނާއި، 118 ބިދޭސީ އަންހެނުންނެވެ.