އުރީދޫ މޯލްޑިވްސްއިން 2025 ވަނަ އަހަރުގެ ތައްޔާރުކުރި ތަފާތު ކަލަންޑަރު ރޭ އިފްތިތާހުކޮށްފިއެވެ.
މި ކަލަންޑަރަކީ ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނޭ ވާހަކަތަކުގެ ކެރެކްޓަރުތައް ޓެކްނޮލޮޖީގެ ޒަރީއާއިން އާންމުންނާ ހަމައަށް ގެނެސްދޭ، ރާއްޖޭގެ ފުރަތަމަ އެން.އެފް.ސީ އިންޓަގްރޭޓަޑް ކަލަންޑަރެވެ.
އުރީދޫ ހެޑްކުއާޓަރސްގައި ބޭއްވުނު ހަފްލާގައި މި ކަލަންޑަރު އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލްފާޟިލް އަލީ އިހުސާނެވެ. މި ކަލަންޑަރުގައި "ފޫޅުދިގު ހަންޑި" އާއި "ސަފަރު ކަތްދަ" ފަދަ ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތަކުގެ 12 ކެރެކްޓަރު ހިމެނެއެވެ.

މި ކަލަންޑަރުގެ އެންމެ ފާހަގަކޮށްލެވޭ ޚާއްޞަ ކަމަކީ އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މި އައިކޮނިކް ކެރެކްޓަރުތަކާ ސީދާ ވާހަކަދައްކާލެވޭނެ ކަމެވެ. ކޮންމެ މަހަކު ވެސް އައު ކެރެކްޓަރެއް އަންލޮކްވެ، ކަސްޓަމަރުންނަށް އެ ކެރެކްޓަރާ ޗެޓްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ މި ކަލަންޑަރަކީ ޓެކްނޮލޮޖީގެ ބޭނުން ހިފައި، ދިވެހި ސަގާފަތް ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ރަމްޒެއް ކަމަށެވެ.

"ފޯކްލޯރގެ ނޮސްޓެލްޖިއާ ޑިޖިޓަލް އިންޓަރެކްޓިވިޓީއާ އެއްކޮށްލައިގެން، އަޅުގަނޑުމެންގެ މުއްސަނދި ވާހަކަތައް ފާހަގަކުރުމުގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ވާހަކަތައް ދެމިއޮންނާނެކަން މިއަހަރުގެ އުރީދޫ ކަލަންޑަރުން ކަށަވަރުވެގެންދާނެ,"
އެމަނިކުފާނު ވިދާޅުވިއެވެ.

މި ކަލަންޑަރަކީ ދިވެހި ތަރިކަ ހިމާޔަތްކޮށް، ޖީލުތަކުގެ މެދުގައި ގުޅުން ދަމަހައްޓައި، ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!