ސިޔާސީ ވިސްނުމުގެ ތެރެއިން ބަޔަކު ހައްޔަރުކުރުމަކީ އެ މަނިކުފާނު ޤަބޫލުފުޅުކުރައްވާ ކަމެއް ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ބަޔަކަށް ސިޔާސީ އަނިޔާއެއް ނުދެއްވާނެ ކަމަށާއި އަދި ބަދަލު ހިއްޕެވުމެއްވެސް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މި ސަރުކާރުގެ ވޭތުވެ ދިޔަ 14 ވަރަކަށް މަސްދުވަހަށް ބަލާއިރު ދިވެހިރާއްޖޭގައި ހަމަޖެހުން ޤާއިމު ކުރެވިފައި ވާ ކަމަށެވެ. އަދި ބަދަލުހިފުމުގެ ރޫޙުގައި އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ބަދަލު ހިއްޕެވުމުގެ ރޫޙުގައި އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ބަޔަކަށް އަނިޔާކޮށް، ސިޔާސީ ވިސްނުމުގެ ތެރެއިން ބަޔަކު ހައްޔަރުކުރުމަކީ އެ މަނިކުފާނު ޤަބޫލުފުޅުކުރައްވާ ކަމެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ، ހަމަޖެހުން އޭގެ ޙަޤީޤީ މާނައިގައި މި ޤައުމުގައި އޮތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެހެންއެކަން އޮތުމާއެކު ކުރިއަށް އޮތް ތަނުގައިވެސް ބަޔަކަށް ސިޔާސީ އަނިޔާއެއް ނުދެއްވާނެ ކަމަށާއި، ބަދަލު ހިއްޕެވުމެއްވެސް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންނަށްޓަކައި ތަރައްޤީ ގެނެސްދޭ ކަމުގައި ވާ ނަމަ، އެކަމުގެ ފުރިހަމަ ނަފާ، އެ ރައްޔިތުންނަށް ލިބެން އޮތީ ޤައުމުގައި ހަމަޖެހުން އޮވެގެންނެވެ. އެހެންކަމުން ޤައުމުގައި ހަމަޖެހުން ޤާއިމުކޮށް، ޤައުމު ކުރިއަށް ގެންދިއުމުގައި ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި މުހިންމީ މި ޤައުމަކީ ހަމަޖެހުން ޤާއިމުވެފައި އޮތް ޤައުމަކަށް ވެސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ވަށާޖެހިފައިވާ ތަރައްޤީއެއް އޭގެ ޙަޤީޤީ މާނައިގައި ގެނެސްދެވެން އޮތީ ހަމަޖެހުން ޤާއިމުވެގެން ކަމުގައި ތަކުރާރުކޮށް ފާހަގަކުރެއްވިއިރު، ވަށާޖެހޭ ތަރައްޤީއެއް ޙާޞިލުވާން އޮތީ ޢުމްރާނީ ތަރައްޤީއާއެކު ވިސްނުމާއި، އަޚުލާޤާއި، މުޖުތަމަޢުގެ އުޅުމާއި ގުޅުންތައް ހެޔޮ މަގުން ތަރައްޤީވެގެން ކަމަށާއި، މި ރާސްތާއިން ކުރިއަށް ދާ އިރު ޤައުމުގައި ހަމަޖެހުން އޮންނަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތް ތަނުގައިވެސް ކަން ހިނގަމުންދާނީ މި އުސޫލުން ކަމަށެވެ. އަދި ކުރިއަށް ދިއުމުގައި އެންމެން އެކުގައި މަސައްކަތް ކުރުމަކީ ޤައުމީ އަދި ފަރުދީ ފެންވަރުގައި ކޮށްދެވޭ ކަމެއްގެކަމުގައި ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ސިޔާސީ ފަރާތަކުން ކަމުގައިވިޔަސް، ނުވަތަ އެހެން ފަރާތަކުންވެސް މި ހަމަޖެހުން ނަގާލުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރުމަށް ބަޔަކު މަސައްކަތްކޮށްފިނަމަ، ޤައުމީ ވިސްނުންފުޅެއްގައި އެކަމެއް ހުއްޓުވައި ޤައުމުގައި ހަމަޖެހުން ޤާއިމުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!