ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ފާސްކުރިއިރު ދަބަހަކުން 1.4 މިލިއަން ރުފިޔާ ފެނުނު ކަމަށް އަޑުތައް ފެތުރިފައިވަނިކޮށް، ލޯންޗެއް ބަންނަން އޭނާ އަށް 1.4 މިލިޔަން ރުފިޔާގެ ނަގުދު ފައިސާ ދިންކަމަށް ރިލެކްސް ފެރީ ސާރވިސްއިން ބުނެފިއެވެ.

ރިލެކްސް ފެރީ ސާރވިސްއިން މިހެން ބުނެފައިވަނީ ރޭ ދަންވަރު އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއެކު މުޢާމަލާތްކޮށް ލޯންޗެއް ބަނދެފައިވާ ކަމަށާއި، އެ ލޯންޗުގެ ފެންވަރު ރަނގަޅުކަމުން ދެވަނަ ފަހަރަށް އިތުރު ލޯންޗެއް ބަނުމަށްޓަކައި 2024 ވަނަ އަހަރުގެ ކުރީކޮޅު މަޝްވަރާކޮށް، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށެވެ.

Ad
rt

ފަޒުލް ރަޝީދުގެ ގެ ފުލުހުން ބަލައި ފާސްކުރިއިރު 1.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށާއި، އެ ފައިސާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އިއްޔެ ގިނަ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ފުލުހުން މި މަޢުލޫމާތު މީޑިއާތަކަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ފަޒުލްގެ ގެ ބަލައި ފާސްކުރީ ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދށް ގޯތި ދޫކޮށްފައިވާ މައްސަލަތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަޙުޤީޤުގެ ދަށުން، މިދިޔަ މަހުގެ 23 ވަނަ ދުވަހު ކޯޓު އަމުރަކާ އެކުގައެވެ. ފުލުހުން ބުނެފައިވަނީ ތަޙުޤީޤުގެ ބޭނުމަށް ބައެއް ތަކެތި، އޭގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ގޮތަށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ބިންވެރިޔާ ސްކީމާއި، ވިނަރެސް ފްލެޓް، އަދި ގެދޮރުވެރިކަމުގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ތަޙުޤީޤުކުރަމުންނެވެ.

މި މައްސަލަތަކާ ގުޅިގެން ތަޙުޤީޤަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށް ބުނެ، ފަޒުލް ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުން އިސްތިޢުފާ ދެއްވާފައެވެ. އޭގެ ފަހުން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.

ފަޒުލްއަށް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދަށް ބިމެއް ދިން މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން، ޝަރުތު ހަމަނުވާ އިތުރު ބަޔަކަށްވެސް ބިން ދޫކުރި މައްސަލަ ވަނީ ފާޅުވެފައެވެ.

ރިލެކްސް ފެރީ ސާރވިސްގެ މި ޕޯސްޓް ފަޒުލްވެސް ވަނީ އޭނާގެ ފޭސްބުކް އެކައުންޓުގައި ވެސް ހިއްސާކޮށްފައެވެ. މި މައްސަލައިގައި ފުލުހުންނާއި އޭސީސީން ކުރަމުންދާ ތަޙުޤީޤާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ރަސްމީކޮށް އެއްވެސް ބަހެއްނުބުނެއެވެ.