ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ހުރި ސޫޝީ ރެސްޓޯރަންޓްތަކުން މޯޓަރސައިކަލެއްގެ ސައިޒާއި ބަރުދަނުގެ ކަންނެއްޏެއް 207 މިލިއަން ޔެން (1.3 މިލިއަން އެމެރިކާ ޑޮލަރު) އަށް ގަނެފައިވާ ކަމަށް ބުނެފިއެވެ.

މިއީ ޓޯކިޔޯގެ ޓޯޔޯސު މަސްމާރުކޭޓުގައި ކޮންމެ އަހަރަކު ބާއްވާ އައު އަހަރުގެ ނީލަމުގައި މިހާތަނަށް ދެވަނައަށް އެންމެ މަތީ އަގު ދީގެން ގަނެފައިވާ މަހެވެ. 276 ކިލޯގްރާމް (608 ޕައުންޑް) ގެ މި ބްލޫފިން ޓޫނާ މަސް ގަތީ އޮނޮދެރާ ގްރޫޕުންނެވެ.

Ad
rt

އޮނޮދެރާ ގްރޫޕުގެ އޮފިޝަލެއް ކަމަށްވާ ޝިންޖީ ނަގާއޯ ބުނީ، މި މަސް ބޭނުންކުރާނީ އެ ގްރޫޕުގެ މިޝެލިން-ސްޓާ ލިބިފައިވާ ގިންޒާ އޮނޮދެރާ ރެސްޓޯރަންޓްތަކާއި، ޤައުމުގެ އެކި ކަންކޮޅުތަކުގައި ހުރި ނަދަމަން ރެސްޓޯރަންޓްތަކުގައި ކަމަށެވެ.

"ފުރަތަމަ ގަންނަ ކަންނެއްޔަކީ ދުވަހުގެ ފަހިކަން ގެނެސްދޭ އެއްޗެއް،" ނަގާއޯ ބުނެފަވެއެވެ.

މި ކަންނެލި ބާނާފައިވަނީ ޖަޕާނުގެ އުތުރުގައިވާ އައޯމޯރި ސަރަޙައްދުންނެވެ. ނަގާއޯ އިތުރަށް ބުނީ މީހުން މި މަސް ކައިގެން "ރަނގަޅު އަހަރެއް" ހޭދަކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އޮނޮދެރާ ގްރޫޕުން ވަނީ ފަސް އަހަރު ވަންދެން "އިޗިބަން ޓޫނާ" ނީލަމުގައި އެންމެ މަތީ އަގު ދީފައެވެ. މިދިޔަ އަހަރު އެންމެ މަތީ އަގުގެ ކަންނެލި މަހަށް އެ ގްރޫޕުން ދިނީ 114 މިލިއަން ޔެނެވެ.

1999 އިން ފެށިގެން ރެކޯޑު ކުރެވިފައިވާ ގޮތުން އެންމެ މަތީ އަގަކަށް މަހެއް ވިއްކިފައިވަނީ 2019 ގައި 278 ކިލޯގްރާމްގެ ކަންނެއްޔަކަށް ދެއްކި 333.6 މިލިއަން ޔެނެވެ. މި އަގު ދެއްކީ "ޓޫނާ ކިންގް" ގެ ނަމުން މަޝްހޫރު ސޫޝީ ރެސްޓޯރަންޓް ވެރިޔާ ކިޔޯޝި ކިމުރާއެވެ.

ޓޯޔޯސު މަސްމާރުކޭޓަކީ ދުނިޔޭގެ އެންމެ ބޮޑު މަސްމާރުކޭޓް ކަމަށް ބުނެއެވެ. އަދި މި މާރުކޭޓް މަޝްހޫރުވެފައިވަނީ ކޮންމެ ދުވަހަކު ފަތިހު ބާއްވާ ކަންނެލި މަހުގެ ނީލަންތަކުންނެވެ.