މިހާރު ކުރަމުންދާ ވިއްސާރާގައި މުޅި މާލޭގައި ހެން ފެން ބޮޑުވެއްޖެއެވެ.
މާލެ އަށް ދަނީ މިއަދު ހެނދުނުއްސުރެ ހެން ވާރޭ ވެހެމުންނެވެ. މި ވިއްސާރާގައި މާލޭގެ ގިނަ ސަރައްދުތަކުގައި ވަނީ ފެން ބޮޑުވެފައެވެ.
ބޮޑުތަކުރުފާނުމަގުން ފަތާ ޓްރެކް ސަރައްދުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާއި ހަަމައަށް ވަރަށްބޮޑަށް ފެން ބޮޑުވެފައިވާއިރު، އައިޖީއެމްއެޗް ހޮސްޕިޓަލުން ފެށިގެން ވެސް ބޮޑު ސަރަހައްދަކަށް ކަކުލާއި ހަމައަށް ވަނީ ފެން ބޮޑުވެފައެވެ.
ވާރޭ ވެހެމުން އާންމުގޮތެއްގައި ފެންބޮޑުވާ އައިޖީއެމްއެޗް ހޮސްޕިޓަލާއި، ހިރިޔާ ސްކޫލާއި، ތާޖުއްދީން ސްކޫލް ހުންނަ ސަރަހައްދުގައި ވެސް ކަކުލާއި ހަމައަށް ފެންބޮޑުވެފައިވާއިރު، ސޯޝަލް ސެންޓަރުން ފެށިގެން މަޖީދީ މަގުގެ ބޮޑު ބަޔެއްގައި ވެސް ކަކުލުން މައްޗަށް ވަނީ ފެން ބޮޑުވެފައެވެ.
މާލޭގެ މަގެއްގައި ފެންބޮޑުވެފައި، ފޮޓޯ: ތިލަދުން
މީގެ އިތުރުން އަމީނީ މަގުން ބޮޑު ބަޔަކާއި މާލޭގެ މި ނޫންވެސް ގިނަ މަގުތަކެއްގައި ފެންބޮޑުވެ އާންމު ދަތުރުފަތުރާއި، ދިރިއުޅުމުގެ ކަންކަމަށް ވަނީ ބުރޫ އަރާފައެވެ.
މާލޭގައި ފެންބޮޑުވެ ގޭގެއަށާއި، ފިހާރަ، ހޮޓާ ރެސްޓޯރަންޓްތަކަށް ވެސް ވަނީ ފެން ވަދެފައެވެ. އަދި ފެންބޮޑުވި ބައެއް ސަރަހައްދުތަކުގެ މަގުމަތީ ޕާކުކޮށްފައި ހުރި ސައިކަލްތައް ވެއްޓި ވަނީ އާންމުންނަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހިފައެވެ.
މާލޭގައި ފެންބޮޑުވެ ސައިކަލްތަކެއް ވެއްޓިފައި، ފޮޓޯ: ތިލަދުން
މާލޭގެ ބޮޑުވި ފެން ހިއްކުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން ނުކުމެ ކުރަމުން އަންނައިރު، ރައްޔިތުންނަށް އެހީތެރިވުމުގައި ވެސް އެ ދެ މުއައްސަސާގެ އޮފިސަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މާލޭގެ މަގެއްގައި ފެންބޮޑުވެފައި، ފޮޓޯ: ތިލަދުން
މާލޭގެ އިތުރުން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުން އަންނައިރު، ބައެއް ރަށްތަކަށް އުދައަރައި ގެއްލުންވެފައިވާއިރު ބައެއް ރަށްތަކަށް ފެން ބޮޑުވެ ގެއްލުންތަކާއި ވަނީ ކުރިމަތި ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!