މިއަދު އަހުރެމެން ދީނާ ދުރުވެފައިވަނީ، ޤުރްއާން ކިޔަވައި ތިލާވަތު ކުރުމާއި ދުރުވުމުންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މުސްލިމުން ކީރިތި ޤުރްއާން ކިޔެވުމާއި ތިލާވަތު ކުރުމުން ދުރުވެފައިވާކަމަށް ފާހަގަކުރެވޭކަމަށާއި މިކަމުގެ ސަބަބުން މުސްލިމުން ދީނާ ދުރުވެ، ޣައިރު މުސްލިމުންގެ ކުރިމަތީގައި ނިކަމެތިވެފައިވާކަމަށް ޚަޠީބު ވިދާޅުވިއެވެ.

Ad
rt

ޚުޠުބާގައި، ކީރިތި ޤުރްއާނަކީ މުސްލިމުންގެ ހިތާއި ފުރާނައިގެ ކާނާކަމަށާއި، ބަލިތަކަށް އޮތް ޝިފާއެއްކަމަށް ބަޔާންކުރެވުނެވެ. އަދި ޤުރްއާނަކީ މާތްﷲ އިންސާނުންނަށް ތެދުމަގު ދެއްކެވުމަށް ބާވައިލެއްވި އިލާހީ ޤާނޫނުކަމަށާއި، މުސްލިމުން ދިރިއުޅެންވީ ގޮތުގެ މަންހަޖުކަމަށް ފާހަގަކުރެވުނެވެ.

ޚަޠީބު އިތުރަށް ވިދާޅުވީ، މުސްލިމުން ކީރިތި ޤުރްއާން ކިޔަވައި، އެއާ އެއްގޮތަށް އުޅުމާއި ސުލޫކު ބައްޓަންކުރަން ޖެހޭކަމަށެވެ. އަދި ދަރިންނަށް ކީރިތި ޤުރްއާން އުނގަންނައިދީ، އެކުދިންގެ ހިތްތަކުގައި ޤުރްއާނުގެ ލޯބި އަށަގަންނުވައި، އެފޮތުގެ މަތިވެރިކަމާއި މާތްކަން ދަސްކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ޚުޠުބާގައި ކީރިތި ޤުރްއާނުގެ މުޢުޖިޒާތްތެރިކަމާއި ބަލާޣާތްތެރިކަން ފާހަގަކުރެވުނެވެ. އަދި ޖާހިލީ ޒަމާނުގައި ވެސް އެންމެ ފަޞާޙަތްތެރި ޢަރަބީންނަށް ވެސް އެފަދަ ފޮތެއް ގެނައުމަށް ނުކުޅެދުނުކަން ހަނދާންކޮށްދެވުނެވެ.

ނިންމާލަމުން ޚަޠީބު އިލްތިމާސްކުރެއްވީ، މުސްލިމުން ކީރިތި ޤުރްއާނާ އަލުން ގުޅުން ބަދަހިކޮށް، އެފޮތުގެ އަލީގައި ދިރިއުޅުން ބައްޓަންކުރުމަށެވެ. މިކަމަކީ އިސްލާމްދީނުގެ ޙަޤީޤީ ރޫޙާ އެއްގޮތަށް އުޅުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވިދާޅުވިއެވެ.