ފެނަކަ ކޯޕަރޭޝަން (ފެނަކަ)ގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުޙައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ ފެނަކައިގެ އެމްޑީގެ މަޤާމުގައި ހުންނެވި ގދ.މަޑަވެލި، ނެޕްޗޫން މުޢާޒު މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ޤަބޫލުކޮށްފައިވާ ކަމަށެވެ.

Ad
rt

މުއާޒު ފެނަކަ އެމްޑީކަމުން އިސްތިއުފާދެއްވައި އިސްތިއުފާގެ ސިޓީ އެކްސްގައި ހިއްސާ ކުރައްވާފައިވާއިރު، އޭނާ މަގާމާ ހަވާލުވެވަޑައިގެން ހުންނެވި އެއް އަހަރުގެ ތެރޭ ކުންފުނީގެ ހިންގަން ދިމާވި ގޮންޖެހުންތަކާއި ދަތިތަކާއެކުގައި ވެސް ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުމުގައި އެދެވޭ ނަތީޖާއެއް ހާސިލްކުރެވިފައިވާ ކަމަށް އެ ސިޓީގައި މުއާޒު ވިދާޅުވެފަވެއެވެ.

މިގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 160 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހިންގުމުގެ ޚަރަދުން ސަލާމަތްކޮށްފައިވާނެ ކަމަށް އޭނާގެ ސިޓީގައި ވަނީ ފާހަގަކުރަށްވާފައެވެ.

އެ ސިޓީގައި މުއާޒު ވިދާޅުވެފައިވާ ގޮތުގައި، ކުންފުނީގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު ހަމައެކަނި ހިންގުމުގެ ޚަރަދު ކުޑަކޮށްގެން މިހާރު ވެއްޓިފައިވާ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނެއެވެ.

ކުންފުނިތަކަކީ ލިބޭ އާމްދަނީއިން ހިންގަންޖެހޭ ތަންތަން ކަމަށްވީ ނަމަވެސް، ފެނަކައިގެ މާލީ ހާލަތު އޮތްގޮތުން އެ ކަން އެހެން ކުރުމަކީ ނުވާނެ ކަމެއްކަމަށް މުއާޒު ވިދާޅުވިއެވެ.

މުއާޒުވަނީ އެެހެން އެ ކަން ދިމާވާން މެދުވެރިވި ސަބަބުތައް ވެސް އޭނާގެ ސިޓީގައި ހިއްސާކުރައްވައިފައެެވެ.