ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ހިމާޔަތްކުރި ބިސްވަޅުން ވެލާ ވިހައިގެން މޫދަށް ފައިބައިފިއެވެ.
ހޯރަފުށީ ރަށްވެހި ފަންނު އަތިރިމަތިން ވެލާބިސްވަޅެއް ފެނިގެން އެ ރަށު ކައުންސިލާއި ފުލުހުން ގުޅިގެން އެ ބިސްވަޅު ހިމާޔަތް ކޮށްފައި ވަނީ ފާއިތުވި ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.
އެ ބިސްވަޅު ފެނުމާއިއެކު ކައުންސިލާއި ފުލުހުން ގުޅިގެން އެތަނުގެ ބޯޑުބަހައްޓައި ވަށައިގެން ދާޖަހައި އިން ވަކިކޮށް އައީ ބަލަހައްޓަމުންނެވެ.
މި ނޫހަށް މައުލޫމާތު ދެމުން ހޯރަފުށީ ކައުންސިލްގެ ނައިބް ރައީސް އަހްމަދު އިމްދާދު ބުނީ ބިސްވަޅު ފެނުމާއިއެކު ކައުންސިލާއި ފުލުހުން ގުޅިގެން އެތަން ބަލަހައްޓަމުން އައިސްފައިވާ ކަމަށާއި، ބިސްވަޅުން ވެލާތައް ވިހައިގެން ނުކުމެ އުޅެނިކޮށް ފެނިފައި ވަނީ އިއްޔެ މެންދުރުވާން އުޅެނިކޮށް ކަމަށެވެ.
އެ ބިސްވަޅުން ޖުމްލަ 80 ވެލާ ވިހާފައިވާކަން ފާހަގަ ކުރަމުން އޭނާ ބުނީ އެ ހުރިހާ ވެލައެއް އީޕީއޭގެ އިރުޝާދުގެ ދަށުން އިއްޔެ މޫދަށް ދޫކޮށްލާފައިވާ ކަމަށެވެ.
އިމްދާދް ވަނީ މިކަމުގައި ކައުންސިލް މުވައްޒަފުންނާއި ހޯރަފުށީ ފުލުހުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.
ވެލަަޔާއި މަޑި ހިމެނޭ ގޮތަށް ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ 2023 ވަނަ އަހަރު ހަދާފައެވެ. އޭގެ ކުރީން ވެސް އެފަދަ އުސޫލުތައް ހަދައި އަމަލުކޮށްފައި ވެއެވެ.
2023 ވަނަ އަހަރު އަލަށް އެކުލަވާލި އުސޫލުގައި ވަނީ ހިމާޔަތް ކޮށްފައިވާ، ތަފާތު ހަތަރު ބާވަތެއްގެ ދިރޭ ތަކެތީގެ މާހައުލު ރައްކާތެރިކުރުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފަ އެވެ. އޭގެ ތެރޭގައި ވެލާ ކަހަނބުގެ އިތުރުން ކަންޒުކަހަނބާއި، މަޑީގެ އާއިލާގެ ހުރިހާ ދިރުންތައް އަދި ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތްތައް ހިމެނެއެވެ.
ވެލަޔާއި ކަހަނބާއި ކަންޒުކަހަނބާ އަދި މަޑީގެ އާއިލާގެ ދިރުންތަކާ އެކު ފީނާއިރު ނުވަތަ ފަތާއިރު އަމަލުކުރަން ޖެހޭ ގޮތް ވެސް މި އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ. މި އުސޫލުގައި ބުނާ ގޮތުގައި، ވެލަޔާއި ކަހަނބާ އެންމެ ކައިރީގައި އުޅެވޭނީ ހަ ފޫޓު ދުރުންނެވެ. ކަންޒުކަހަނބެއް ނަމަ އެއް މީޓަރުގެ ދުރުންމިން ބަހައްޓަން ވާނެ އެވެ. މަޑީގެ އާއިލާގެ ދިރުމެއް ކަމަށްވާ ނަމަ، ތިން މީޓަރުގެ ދުރުމިނެއް ބަހައްޓަން ވާނެ އެވެ.
ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން 4 އޭޕްރީލް 2016 އިން ފެށިގެން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ. ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެއަށް ގޯނާކުރުމަކީ މަނާކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!