އދ. މަހިބަދޫގައި އަންނަ އަހަރު 100 ހައުސިން ޔުނިޓް އަޅަން ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް އިއްޔެ އެމަނިކުފާނު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މަހިބަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މަހިބަދޫން ލިބެން އޮތް ބިމުގައި ހައުސިންގ ޔުނިޓު އެޅުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނޭކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި މަހިބަދޫގެ އިހުތިޞާސްގައި ހިމަނުއްވާފައިވަމާ މާފަރު ފަޅުހިއްކައި ތަރައްޤީކުރުމުގެ ކޮންސެޕްޓު ފަރުމާކުރުމުގައިވެސް ރައްޔިތުން އެދިވަޑައިގަންނަވާ ވިސްނުންފުޅާ އެއްގޮތަށް މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން ރައީސް މިއަދު ވަނީ އެރަށު ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސް ވިދާޅުވީ މާފަރު އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީވުމުން، އެކަމުގެ ފައިދާ މަހިބަދޫގެ އިތުރުން މުޅި ސަރަޙައްދުގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެއެވެ. އަދި މާފަރު ފަޅު ޙަޤީޤީ މާނައިގައި އަރބަން ސެންޓަރެއްގެގޮތުގައި ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ޢުމްރާނީ ތަރައްޤީގެ އިތުރުން، މާނަވީ ތަރައްޤީ ގެނެސްދެއްވުމަށް، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި، މުހިންމު މަސައްކަތްތަކެއް ކުރައްވާނޭކަން ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، ހަތަރު އަހަރުގެ ތެރޭގައި، ރަށުގެ ރައްޔިތުން ބޭނުންވާގޮތަށް ތަރައްޤީގެ ކަންކަން ބައްޓަންކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!