ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ، އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގު އެ މަގާމަށް ޢައްޔަނުކުރަން އެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މިއަދުގެ ޖަލްސާގައި ވަނީ، ފުއާދަށް ރުހުން އޮތްތޯ ބަލަން ޚާރިޖީ ގުޅުންތަކާބެހޭ ކޮމެޓީން ފޮނުވި ރިޕޯޓަށް ވޯޓަށް އަހާފައެވެ.
ފުއާދަށް ރުހުން އޮތްތޯބަލަން ނެގި ވޯޓުގައި 58 މެމްބަރުން ވަނީ ފެންނަކަމަށް ވޯޓު ދެއްވާފައެވެ. ނުފެންނަކަމަށް ވޯޓުދެއްވި މެމްބަރަކު ނެތެވެ.
ފުއާދު، ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
ފުއާދު ވަނީ 15 ސެޕްޓެމްބަރު 2021 އިން 23 ނޮވެމްބަރު 2024 އަށް އީސީގެ ރައީސްގެ މަގާމު ފުރުއްވާފައެވެ. ކުރިން ވެސް އީސީގެ ރައީސްކަން ކުރެއްވި ފުއާދުގެ މި ދައުރު ހަމަވީ މި މަހުގެ 23 ގައެވެ.
ފުއާދު ވަނީ އިންތިގާލީ އިލެކްޝަން ކޮމިޝަންގެ މެމްބަރުކަން ވެސް ކުރަށްވާފައެވެ. އެއީ 4 ސެޕްޓެމްބަރު 2008 އިން 14 ސެޕްޓެމްބަރު 2009 އަށެވެ. އަދި އިންތިގާލީ އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމާއި، އިލެކްޝަންގެ ކޮމިޝަންގެ ރައީސްކަމުގެ އިތުރުން އެ ކޮމިޝަންގެ މެމްބަރުކަން ވެސް ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!