ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުނޫ މަހާވަރު، ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތް ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

Ad
rt

ރައީސް އޮފީހުން ބުނީ، މި ޒިޔާރަތުގެ ތެރެއިން ކުރިއަށް ގެންދެވުނު ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ސަފީރުގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިކަމަށެވެ. އަދި ސަފީރުކަމުގައި މުނޫ މަހާވަރު ފުރިހަމަކުރެއްވި ދައުރަކީ ދެ ޤައުމުގެ ގުޅުން ވަރުގަދަވެގެންދިޔަ ދައުރެއްކަން ފާހަގަކުރެއްވި ކަމަށެވެ.

މި ބައްދަލުވުމުގައި އިންޑިއާ ސަފީރު ވަނީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަޤީންކަންދެއްވާފައިކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ސަފީރު ވަނީ ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރުމަށް ރައީސް މުޢިއްޒު ދައްކަވާ ލީޑާޝިޕް ފާހަގަކުރަށްވައި، އަދި މިކަމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭ ކަމެއްކަމުގައި ވިދާޅުވިކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ހާމަކޮށްފައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމުގައި ރައީސް މުޢިއްޒު އާއި އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން މިހާރު ކުރިއަށްދާ ގޮތުގައި ދެމިއޮންނާނެކަމާއި، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ވަގުތަށް ނިންމޭނެކަމުގެ ޔަޤީންކަން ފާޅުކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާމެދު ވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.