ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ ދަށުން ހިންގާ ކުންފުންޏަކަށް ހެދުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލާފައިވާކަމަށް އެސްޓީއޯއިން މިއަދު ބުނެފިއެވެ.

އެސްޓީއޯއިން މިކަން ހާމަކުރީ، އެކަން ހިއްސާދާރުންނަށް އެންގުމަށް ކޮށްފައިވާ ޢިއުލާނެއްގައެވެ.

Ad
rt

އެ ޢިއުލާންގައި އެސްޓީއޯއިން ބުނީ، އެ ކުންފުނީގެ ދަށަށް ފެނަކަ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް 24 އޮކްޓޯބަރު 2024 ވަނަ ދުވަހު މާލީ ވުޒާރާއިން އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.

އެހެންވެ، އެ މަރުހަލާ ހިންގުމަށް އެ ކުންފުނިން ސަރުކާރަށް ހުށަހެޅި އެކުއިޒިޝަން ޕްރޮޕޯސަލްގައި ހިމަނާފައިވާ ކަންކަން ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލައި، އެ ކުންފުނިން ފެނަކައިގެ ހިއްސާ ގަތުމުގެ މަސައްކަތް ހުއްޓާލަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމާފައިވާ ކަމަށެވެ.

އެހެންވެ، މިކަން އެ ކުންފުނީގެ ހިއްސާދާރުންނަށާއި، ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް އެންގީކަމަށް އެސްޓީއޯއިން ބުނެފަވެއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މާލީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، ފެނަކަ އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ 26 އޯގަސްޓް 2024 ގައެވެ. މިގޮތުން ފެނަކައިގެ ސައްތައިންސައްތަ ހިއްސާ، އެސް.ޓީ.އޯ އިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސް އެދުވަހު ވަނީ ނިންމަވާފައެވެ.

މި މަރުހަލާ ކުރިއަށް ގެންދިއުމަށް މާލީ ވުޒާރާއާއި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސް.ޓީ.އޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފެއްދުމަށާއި، މި ބަދަލާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށާއި، މި ބަދަލު ގެނައުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންދަވައި، މި އަހަރުގެ ނިޔަލަށް، އެސް.ޓީ.އޯ. ގެ ސައްތައިންސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރެއްވުމުގެ މަސައްކަތްތައް ނިންމުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.