އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަ 2025 ވަނަ އަހަރު އެންމެ އިސްކަމެއް ދޭނީ ކުދިބޮޑު އެންމެން ނަމާދުކުރަން އަހުލުވެރިކޮށް ނަމާދަށް ލޯބި ޖެއްސުމަށްކަމަށް އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި ވަޒީރު ވިދާޅުވެފައި ވަނީ، 2025 ވަނަ އަހަރު އިސްލާމީ ވުޒާރާގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހުރިހާ ސަރަހައްދެއްގައި ވެސް ހުރިހާ އުމުރުފުރައަށް އަމާޒުކޮށް ނަމާދު ކުރަން އަހުލުވެރިކުރުވުމަށާއި ނަމާދަށް ލޯބި ޖެއްސުމަށް ކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރާއްޖޭގެ ދީނީ ވަހުދަތު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ޒުވާނުންނާއި ސްކޫލްތަކުގެ އުމުރުފުރާތަކުގެ ދަރިވަރުން ދީނަށް ލޯބި ޖެއްސުމަށް ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން ކުރިއަށް ގެންދާ ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމާއި، މިސްކިތު ގާރީ ކިލާހާއި ނަމާދު ވޯކްޝޮޕާއި އަދި މިނޫންވެސް ބައެއް ޕްރޮގްރާމްތައް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ދީނީ ގޮތުން މައުލުމާތު ދިނުމުގެ ސެޝަންތަކާއި، ވޯކްޝޮޕްތަކާއި މަހާސިންތާތައް ފަދަ ގިނަ ޕްރޮގްރާމްތަކެއް އަންނަނީ ހިންގަމުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!