ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ތަރައްޤީގެ ތަޞައްވުރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އީޖާދީ އިޤުތިޞާދެއް ބިނާ ކުރުމުގެ ސިޔާސަތު ކަމުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިރޭ ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މިރޭ މާލޭގެ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވުނު "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)ގެ ފަރާތުން އިންތިޒާމުކޮށްގެން، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުން ހޯދަމުންދާ ކާމިޔާބީތައް ޤައުމީ ފެންވަރުގައި ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތެކެވެ.
މިރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އިޤުތިޞާދުގެ އެންމެ މައި މަސައްކަތްތަކާއި ދިރުންހުރި ޚިދުމަތުގެ ސަފުހާތަކުގެ ބޮޑު ބައެއް ލިޔެވެމުން އަންނަނީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކު މަސައްކަތުންކަން ފާހަގަކުރެއްވިއެވެ.
މިގޮތުން ކުދި ވިޔަފާރިތަކަކީ ޤައުމުގެ އިޤުތިޞާދުގެ ނާރެސްގެ ގޮތުގައި ސިފަކުރަށްވައި، ވަޒީފާގެ ފުރުޞަތުތައް އުފެއްދުމާއި، އައު އީޖާދުތައް ކުރުމާއި، އިޤުތިޞާދީ ދުވެލި ހަލުވިކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިތަކަކީ އެއީ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، 21 ވަނަ ޤަރުނުގައި ފެންނަމުންދާ ފަންނިއްޔާތުގެ އައު ކަންކަމާއި، ޑިޖިޓަލް މާކެޓުތަކާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ފަހި ފުރުޞަތުތަކުން ފައިދާ ހޯދުމަށްޓަކައި، ދިވެހި ވިޔަފާރިވެރިން އައު ހުނަރުތަކާއި އުކުޅުތައް ދަސްކޮށް، އޭގެ ބޭނުން ހިފަން ޖެހޭކަމުގައެވެ. އަދި މި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި މާލީ އެހީތެރިކަމާއި، ފަންނީ ތަމްރީނުތަކާއި، ޤާނޫނީ ލުއިތައް ދިނުމުގެ މުހިންމުކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!