ހދ.ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން، 15 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެތަނުގައި ފިއުލް ޖެޓީއެއް އެޅުމަކީ ބޭކާރު ކަމެއްކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ތެޔޮ ބޯޓު ކަނޑުގައި ބާއްވައިގެން އެ އެއާޕޯޓްގައި ތަރައްގީކުރާ ފިއުލް ފާމަށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުންވާ ހޮޅިލައިން އެޅުމަށް އެ ރަށު ފަޅުގައި ފިއުލް ޖެޓީއެއް އެޅުމުގެ އަމަލީ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެއީ މިދިޔަ ސަރުކާރުން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ފެށި ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.
ދައުލަތުގެ މީޑިއާއިން ރޭ ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މުއްތަލިބު ވިދާޅުވީ ހަނިމާދޫއަކީ ފުން ފަޅެއް އޮންނަ ރަށެއް ކަމަށާއި އެތަނަށް ތެޔޮ ބާޖެއް ވައްދައިގެން ވެސް ތެޔޮ އެޅޭނެ ކަމަށާއި، އެއީ މާކަނޑުގައި ގޮސް ބޯޓެއް ބާއްވައިގެން ތެޔޮ ސަޕްލައި ކުރަންޖެހޭ ވަރު ތަނެއް ނޫން ކަމަށެވެ.
ތެޔޮ ބާޖަށް ފަޅަށް ވަދެގެން ތެޔޮއެޅޭނެ ފަދަ ހާލަތެއް އޮތް ތަނެއްގައި އެހާބޮޑު އަދަދެއް ހަރަދު ކޮށްގެން އެތަން އަޅާތީ އެތަން ނަގަން ބެލިނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ވެސް ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވާތީ ނަގައިގެން ދައުލަތަށް ލިބޭ ގެއްލުން ބޮޑުވާތީ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ނިންމާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ މިދިޔަ ސަރުކާރުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީއެއް އޮއްވާ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ބޮޑެތި ޕްރޮޖެކްޓްތައް ޓެންޑާކޮށް ހިންގުމަށް ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހަނިމާދޫ އެއާޕޯޓު މަޝްރޫއުގެ އިތުރުން ގަމު އެއާޕޯޓާއި ފެލިވަރު މަސް ފެކްޓްރީގެ މަޝްރޫއު އޭނާ ފާހަގަ ކުރެއްވިއެވެ.
ކުރީ ސަރުކާރުން މަޝްރޫއުތައް ހިންގާފައިވާގޮތް ހިއްސާކުރައްވައި މުއްތަލިބު ވިދާޅުވީ ކުރީ ސަރުކާރުގެ މަޝްރޫއުތައް ހިންގާފައި ހުރީ އެކަމާ ބެހޭ މިނިސްޓްރިއަކާ ނުވެސް ގުޅޭ ގޮތްގޮތަށް ކަމަށާއި، އެއީ ރަނގަޅު ނިޔަތެއްގައި ކުރި ކަމެއްގެ ގޮތުގައި ނުބެލެވޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!