އަންނަ 2025 ވަނަ އަހަރު ހދ. މަކުނުދޫ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ފެށިގެންދާނެކަމަށް އެ ދާއިރާގެ މެންބަރު އާދަމް ޝަފީޤް މިއަދު ވިދާޅުވެއްޖެއެވެ.
2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސްގައި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކާގައި މެންބަރު އާދަމް ޝަފީޤް ވަނީ އޭނާ ތަމްސީލްކުރަށްވާ މަކުނުދޫ ދާއިރާގެ މަކުނުދޫ، ކުމުންދޫ އަދި ނޭކުރެންދޫގައި ކުރިއަށް ދާ މަޝްރޫޢޫތަކާއި، އެރަށްރަށުގައި ކުރުމަށް މި ސަރުކާރުން ވައުދުވެފައިވާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަ ދައްކަވާފައެވެ.
މިގޮތުން ދެއްކެވި ވާހަކާގައި މަކުނުދޫގެ އެއާޕޯޓު ތަރައްގީކުރުމަށް ބިން ހިއްކުމުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފެނާ ނަރުދަމާގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އަންނަ އަހަރު ތެރޭ ނިންމާލެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.
މަކުނުދޫގެ ފުޓްސަލް ދަނޑު ވަނީ ނިމި ޒުވާނުން ބޭނުންކުރަން ފަށާފައި ކަމަށާއި، އައުޓް ޑޯ ޖިމްވެސް ވަނީ ނިމިފައިކަމަށް އޭނާ ވިދާޅުވިއެވެ. މަކުނުދޫ ޒުވާނުންނަށް ހޭންޑް ބޯލް ކުޅޭނެ ޓާފެއް މިއަހަރު ނިމުމުގެ ކުރީން ތައްޔާރުކުރެވިގެންދާނެ ކަމަށް ވެސް އާދަމް ޝަފީޤް ވަނީ ވިދާޅުވެފައެވެ. އަދި ފެނަކައަށް އައު ޖަނަނޭޓަރު ސެޓެއް ގެންގޮސް ރަށުގެ ކަރަންޓް ވިއުގަރ އަޕްޑޭޓް ކުރެވޭނެ ކަމަށާއި، އަލަށް ގޯތި ދޫކޮށްފައިވާ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް
ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
''މަކުނުދޫގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދާ ގުޅިފައިވަނީ މަކުނުދޫގެ އެއަރޕޯޓު ކަމުގައިވީތީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު މަކުނުދޫގެ އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ފެށިގެންދާނެ'' އާދަމް ޝަފީޤް ވަނީ ވިދާޅުވެފައެވެ.
އާދަމް ޝަފީޤް ނޭކުރެންދޫ އާއި ކުމުންދޫގެ މަޝްރޫޢުތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!