"ގެދޮރުވެރިޔާ" ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި އާންމުކުރާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު ވިދާޅުވީ، އެ ފްލެޓްތަކަށް ހުށައަޅާފައިވާ ފޯމްތައް އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރަށްވަމުން ގެންދަވާ ކަމަށެވެ.

Ad
rt

އެ މަސައްކަތް ނިމުމުން އަންނަ ހަފުތާ ތެރޭގައި 4000 ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އިއުލާންކުރެވޭނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވެސް ދެއްވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެ މަރުހަލާއަށްފަހު މިއަހަރު ނިމުމުގެ ކުރިން އެ ފްލެޓްތައް ހަވާލުކުރެވޭ ވަރުވާނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި 4000 ހައުސިން ޔުނިޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިދިޔަ މަހު ޢާންމު ކުރެވޭނެކަމަށް ކުރިން ދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފައިވީނަމަވެސް އެ ފްލެޓްތަކަށް ހުށަހެޅި ހުރިހާ ފޯމުތަކެއް ބަލަމުންދާތީ، އެކަމަށް އިތުރު ވަގުތު ބޭނުންވާތީ ލިސްޓް ނެރުން ލަސްކޮށްފައިވާކަމަށް އޭރު އެ ވުޒާރާއިން ބުންޏެވެ.

ކުރީގެ ސަރުކާރުން 4،000 ފްލެޓު ބަހާލީ ބޭއިންސާފުން ކަމަށް ބުނެ، އެކަމުގެ ޝަކުވާތައް އޭސީސީ އަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ ބޮޑު ތަހުގީގެއް ހިންގައިފައެވެ. އެ ތަހުގީގަށް ފަހު އެ ކޮމިޝަނުން ބުނި ގޮތުގައި 4،000 ފްލެޓް ލިބޭ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވެއެވެ. އެއީ ގާތްގަނޑަކަށް 2،400 ފޯމެވެ. ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގައެވެ. އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެކެވެ.