ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އަވަށްޓެރި އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އަދި މިއީ ރައީސް އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

Ad
rt

މި މަހުގެ 6 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅު މިއަދު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމުން ރައީސްގެ ދެކަނބަލުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ސަރުކާރުގެ އިސްވެރިންނެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އިންޑިއާގެ ރައީސް ދުރުޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އަދި އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ.

މީގެއިތުރުން މިދަތުރުފުޅުގައި "އަ ވިޜަން ފޯ އިކޮނޯމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" ދެ ޤައުމުގެ ދެމެދުގައި މުހިންމު ކަރުދާހަކަށް އެއްބަސްވުމަކަށް އައިސްފައި ވެއެވެ. އަދި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވުންތަކާއި، ފަހުމުނާމާތަކުގައި ސޮއިކޮށް، ނޯޓް ވަރބޭލް ބަދަލުކޮށް، ބައެއް މަޝްރޫޢުތައް ވަނީ ދާދިވަރުކޮށް އިފްތިތާޙުކޮށްފައެވެ.

މި ދަތުރުފުޅުގައި ހިމެނިގެން، ރައީސް ވަނީ އާގްރާ އަށާއި، މުމްބާއީ އަށާއި، ބެންގަލޫރަށްވެސް ޒިޔާރަތްކުރައްވާފައެވެ.

ރައީސް ވަނީ މި ދަތުރުފުޅުގައި ނިއުދިއްލީ އާއި ބެންގަލޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ވެސް ބައްދަލުކުރައްވާފައެވެ.