ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސެއިން މުހައްމަދު ލަތީފް، ހދ.ނޭކުރަންދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ނޭކުރެންދޫ ކައުންސިލުން ވަނީ އެ ރަށަށް ބޭނުންވެފައިވާ މުހިންމު ޕްރޮޖެކްޓްތައް ނައިބް އާއި ހިއްސާ ކުރައްވާފައެވެ.

Ad
rt

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގައި މިހާރު އޮތް ބޮޑު ހުސްބިމުގައި ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ޕްރޮޖެކްޓެއް ފަށައިދިނުމަށާއި، އޭޓީއެމްގެ ހިދުމަތް އަވަހަށް ފެށޭނެގޮތް ހެދުމާއި، ޕޮލިސް ސްޓޭޝަނެއްގެ ބޭނުންތެރިކަމާއި، ރަށުގެ އިންޖީނުގެ މީހުން އުޅޭ ސަރަހައްދުން ދުރުގައި ގާއިމުކުރުމާއި، އިންޑޯ ކުޅިވަރު ކުޅެވޭނޭ އިމާރާތެއްގެ މުހިންމުކަން ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމަށް އިސްކަންދެއްވައިގެން އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.