ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމަށް ރައީސާއި، ރައީސްގެ އަރިހުގައި އިންޑިއާ އަށް ދަތުރުކުރެއްވި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދު އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަން އަށް ވަޑައިގަތުމުން ރައީސް މުރްމޫ ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ވަނީ، ދިވެހިރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، އިންޑިއާއިން ގެންގުޅޭ "ނޭބަހުޑް ފަރސްޓް" ސިޔާސަތުގައްޔާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީގެ "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން" ނުވަތަ "ސާގަރް"ގެ ތަޞައްވުރުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއްކަން ފާހަގަ ކުރަށްވާފައެވެ.
އިންޑިއާގެ ރައީސް ފާހަގަކުރަށްވާފައިވާ ގޮތުގައި ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢަކީ ދިވެހިރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު ޢުމްރާނީ މަޝްރޫޢު އެވެ. މިއާއިއެކު އިންޑިއާއިން ދިވެހި ރާއްޖޭގެ ތަރައްޤީއަށް ދޭ އެހީ ފަރުމާކޮށްފައިވަނީ، އޭގެ ފައިދާ ރައްޔިތުންނަށް ފޯރާނެ ގޮތަށް ކަމަށް ރައީސް މުރުމޫ ވިދާޅުވެފަވެއެވެ.
މީގެ އިތުރުން އިއްޔެ އިޢުލާންކުރި "ކޮމްޕްރިހެންސިވް ސެކިއުރިޓީ އެންޑް މެރިޓައިމް ޕާޓްނަރޝިޕް" ގެ ދަށުން، ދޭދޭ ގުޅުން ހަރުދަނާކުރާނޭ އާ އޮނިގަނޑެއް ބިނާކުރެވޭނޭކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އެކަމަނާ ވަނީ ދިވެހިރާއްޖެ ތަރައްޤީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގައި އިންޑިއާ ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތުދެއްވީތީ އިންޑިއާގެ ރައީސަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރައީސް މުޢިއްޒު އިއްޔެ އިންޑިއާގެ ރައީސާއި ބައްދަލުކުރެއްވުމުގެ ކުރީން ވަނީ އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ވެސް ބައްދަލުކުރަށްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދަވާފައިވާއިރު، އިންޑިއާއެކު މުހިންމު އެއްބަސްވުންތަކެއް ޤާއިމުކުރަށްވާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!