ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދައުވަތު ގަބޫލުކުރައްވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް، ހައިދަރުއާބާދު ހައުސްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއިއެކު ރައީސް ޑރ. މުޢިއްޒު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެދި ރައީސް މުޢިއްޒު ވަނީ މޯދީ އަށް ދައުވަތު ދެއްވާފައެވެ.
އެއީ، އަންނަ އަހަރަކީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ އެކަން ފާހަގަކުރެއްވުމަށް ބާއްވާ އިހްތިފާލްގައި ބައިވެރިވެވަޑައިގެން ދެއްވުން އެދި ރައީސް ދެއްވި ދައުވަތެކެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ މިރޭ ވިދާޅުވީ ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ރައީސް މުޢިއްޒު ދެއްވެވި ދައުވަތު އެމަނިކުފާނު ގަބޫލުކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް މި ދަތުރުފުޅު އޮންނާނެ ތާރީޚެއް އަދި ވިދާޅެއްނުވެއެވެ.
ރާއްޖެ އާއި އިންޑިއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ ނޮވެމްބަރު 1، 1965 ގަ އެވެ.
މިއީ ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!