ފެނަކަ ކޯޕަރޭޝަން (ފެނަކަ) އަކީ ރާއްޖޭގެ 157 ރަށަށް އަސާސީ ޚިދުމަތް ފޯރުކޮށް ދެމުން އަންނަ ކުންފުންޏެކެވެ. މުވައްޒަފުންގެ ގޮތުން އެކަނި ބެލިކަމުގައިވިޔަސް ފެނަކައަކީ މުވައްޒަފުން އެންމެ ގިނަ އަދަދަކަށް މަސައްކަތް ކުރަމުން އަންނަ އެއް މުއައްސަސާއެވެ.

އެހެންކަމަށް ވުމާއިއެކު މި މުއައްސަސާގެ ކަންކަން ހަރުދަނާ ގޮތެއްގައި ހިންގެވުމާއި، ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތަކެއް ތައާރަފްވެގެން ދިޔުމަކީ ކުންފުންޏަށް ވެސް އޭގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަކެއެވެ.

Ad
rt

ފެނަކައިގެ ގިރުނބާ ޕޯޓަލް އާއި ރަގަނޅު މެކޭނިޒަމެއްގެ ދަށުން ހިންގޭ އެޗްއާރު ސިސްޓަމެއް

މިގޮތުން ފެނަކައިން ވަނީ އެ ކުންފުނި ހިންގުން ހަރުދަނާ ކުރުމުގެގޮތުން ކުންފުނީގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް، ޑިޖިޓަލް ރޯޑުމެޕެއް ތައާރަފް ކޮށްފައެވެ. މިގޮތުން ރޯޑްމެޕްގައި ހިމެނޭ ކަންކަމަށް ބަލާލާއިރު ކުންފުންޏަށް އެންމެ ބޮޑު އިންގިލާބެއް ގެނުވާނެ އެއްކަމަކީ އެކުންފުނިން ތާރަފްކުރި ގިރުނބާ ޕޯޓަލް އެވެ.

މި ޕޯޓަލް އާއިއެކު އެކުންފުނިން ޚިދުމަތް ދެމުންގެންދާ ހުރިހާ ރަށެއްގައި ހުރި އިންޖީނުތަކާއި ގުޅޭ މައުލޫމާތާއި ހުރިހާ ޑާޓާތަކެއް އެއް ސްކްރީނަކުން ފެނިގެންދާނެއެވެ. މިގޮތުން ރަނގަޅަށް ހިގަމުން ދަނީ ކިތައް އިންޖީނު ކަމާއި، ހަލާކުވެފައި ހުރީ ކިތައް އިންޖީނު ކަމާއި އަދި ޑީސަލް ހުރި ވަރުވެސް މި ޕޯޓަލް މެދުވެރިކޮށް ވަގުތުން ބަލާލެވޭނެއެވެ.

ޑިޖިޓަލް ރޯޑް މެޕުގައި ހިމެނޭ ދެވަނަ ކަމެއްގެ ގޮތުގައި އެކުންފުނިން ފާހަގަ ކޮށްފައިވަނީ ރަގަނޅު މެކޭނިޒަމެއްގެ ދަށުން ހިންގޭ އެޗްއާރު ސިސްޓަމެއް ގާއިމްކުރެވިގެން ދިޔުމެވެ. މި ސިސްޓަމް އާއިއެކު ކޮންމެ ފަހަރަކު މެނުއަލްކޮށް ސަލާމް ފޯމް ފުރުމާއި ޗުއްޓީއަށް އެދުމުގެ ބަދަލުގައި އެ ސިސްޓަމް މެދުވެރިކޮށް މުވައްޒަފުންނަށް ފަސޭހަ ކަމާއިއެކު އެކަން ކޮށްލެވޭނެއެވެ.

ޓިކެޓް މެނޭޖްމަންޓް ސިސްޓަމަކާއި ޓެންޑާ ޕޯޓަލް

ރޯޑުމެޕުގެ ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ކަމަކީ ޓިކެޓް މެނޭޖްމަންޓް ސިސްޓަމެއް ތައާރަފް ކުރެވިގެން ދިއުމެއެވެ. މި ސިސްޓަމްގެ ދަށުން މުވައްޒަފުން އިންޓާނަލީ ކުރަންޖެހޭ މަސައްކަތްތަކަށް ނުވަތަ ބޭނުންވާ ކަންކަމަށް ރިކުއެސްޓް ކޮށްލެވޭނެއެވެ. އެހެން ކަމުން މި ސިސްޓަމާއި އެކު ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެ އެއް ޑިޕާޓުމެންޓުން އަނެއް ޑިޕާޓުމަންޓައް ފޮނުވަމުން ދިޔަ އިންޓާނަލް މެމޯތަކަށް ނިމުމެއް އަންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ފެނަކައިގެ މި ރޯޑު މެޕުގައި ހިމެނޭ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ފެނަކައިން ތާރަފްކުރި ޓެންޑާ ޕޯޓަލް އެވެ. މި ޕޯޓަލް އާއިއެކު ޓެންޑާ ރަޖިސްޓްރީ ކުރުމާއި ބިޑުތަކަށްލުން ކުރިއަށް ދާނީ މި ޕޯޓަލް މެދުވެރިކޮށެވެ. އަދި ހަމަ އެއާއިއެކު މި ޕޯޓަލް މެދުވެރިކޮށް ޓެންޑާ އަށް ހުށަހެޅޭނީ ކަޑައެޅިފައިވާ ވަގުތަކަށް އެކަނިކަމަށާއި އަދި ހުށަހެޅީ ކޮން ބައެއްކަން މުވައްޒަފުންނަށް އެގޭނީ ވަގުތު ހަމަވުމުންނެވެ. އެހެން ކަމުން މި ޕޯޓަލް އާއިއެކު ޓެންޑާ ޕްރޮސެސް ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ގޮތަކަށް ކަމެއް ކުރިއަށް ގެންދިޔުން އެއްކޮށް ބަންދުވެގެން ދާނެއެވެ. އަދި މިކަމުގެ ސަބަބުން އެކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެގެން ދާނެއެވެ.

ފެނަކައިގެ ޚިދުމަތްތަކަށް އެދެވޭނެ މައި ފެނަކަޕޯޓަލް އެއް

ފެނަކައިން މަސައްކަތް ކުރަމުންދަނީ އަބަދުވެސް ރައްޔިތުންނާއި އެންމެ ގާތުން ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ތައާރަފް ކުރުމަށެވެ. މިގޮތުން ފެނަކައިގެ ޚިދުމަތްތަކަށް އެދެވޭނެ މައި ފެނަކަޕޯޓަލް އެއް ތައާރަފްކުރުމަށް ވެސް އެކުންފުނިން ވަނީ ނިންމާފައެވެ.

މި ޕޯޓަލް ތައާރަފް ވެގެން ދިޔުމާއެކު ފޯމުތައް ހިފައިގެން ކަސްޓަމަރުން އޮފީހަށް އައުން ނިމުމަކަށް އައިސް އޮންލައިންކޮށް އެ ޚިދުމަތްތަކަށް އެދެވި އަދި އެޕޯޓަލް މެދުވެރިކޮށް ބިލްތައް ވެސް ދައްކާލެވޭނެއެވެ.

ފެނަކައިގެ ރޯޑު މެޕުގައި ހިމެނޭ ބައެއް އިތުރު ކަންކަން

ފެނަކައިގެ ރޯޑު މެޕުގައި ހިމެނޭ ބައެއް އިތުރު ކަންކަމަށް ބަލާލާއިރު، ސްކާޑާ ސިސްޓަމް ތައާރަފް ވެގެންދިއުމާއި، ކުރިއަށް އޮތްތާގައި ފިއުލް މެނޭޖްމަންޓް ސިސްޓަމެއް ގާއިމު ކުރެވިގެން ދިޔުންވެސް ހިމެނެއެވެ.
މީގެ އިތުރުން އެކުންފުނިންވަނީ މިއަހަރުގެ އޮގަސްޓް މަސް ތެރޭގައި ސްމާރޓް މީޓާރ ގެ ޚިދުމަތް ދ.ކުޑަހުވަދޫގައި ދޭން ފަށާފައެވެ. އަދި އެކުންފުނީގެ އަމާޒަކީ އެކުންފުނިން ރާއްޖޭގެ ޚިދުމަތް ދެމުންގެންދާ ހުރިހާ ރަށެއްގައި އެ ޚިދުމަތް ތައާރަފް ކުރެވިގެން ދިޔުމެއެވެ. އަދި ހަމަ އެއާއެކު ފެން މީޓަރުތައްވެސް ސްމާޓް މީޓަރުތަކަށް ބަދަލުކުރެވިގެން ދިއުމަކީ ކުންފުނީގެ އަމާޒެއް ކަމުގައި މެނެޖިންގ ޑިރެކްޓަރ މުޢާޒު ވަނީ ވިދާޅުވެފައެވެ.

މުވައްޒަފުންނަށް ލުއިފަސޭހަކަން، ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވާނެ

ފެނަކައިގެ ޑިޖިޓަލް ރޯޑުމެޕުގައި ހިމެނޭ މިކަންކަމާއި އެކު މިހާރު މެނުއަލްކޮށް ކުރަމުން އަންނަ އެތައްކަމެއް އޮޓޮމޭޓުވެ މިކަމުގެ ހެޔޮ އަސަރު މުވައްޒަފުންނަށް ކުރާނެކަމަށާއި އަދި ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެ، މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަ ކަމެއް ލިބިގެންދާނެއެވެ.

ނޯޓު: މިއީ ފެނަކައިގެ އެޑްވަޓޯރިއަލްއެކެވެ.