ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކަކުން ފައިސާ ވަގަށް ނެގި އެ ބޭންކުގެ ކުރީގެ މުވައްޒަފަކު 56،000ރ. އިން ޖޫރިމަނާކޮށް އަދި 40 ގަޑިއިރު މުޖްތަމައުއަށް ހިދުމަތްކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ބ. އޭދަފުށީ ހިޔާވަހި، އަލީ މާޒިންގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާކުރީ ސެޕްޓެމްބަރު، 2012 ގައި އިން ފެށިގެން 2021 އާ ހަމައަށް ބީއެމްއެލްގައި އޭނާ ވަޒީފާ އަދާ ކުރިއިރު، ކަސްޓަމަރުންގެ ހުއްދަ ނެތި އިންޓަނެޓް ބޭންކުގައި އެ މީހުން ރަޖިސްޓްރީ ކުރުމަށްފަހު އެކައުންޓްތަކުން 482،000ރ. މާޒިންގެ ކްރެޑިޓް ކާޑު ޕޭމަންޓްތަކާއި ފޮރެކްސް ޓްރާންސްއެކްޝަންތައް ހިންގުމަށް ބޭނުން ކޮށްފައިވާތީ އެވެ.
އެ މައްސަލާގައި މާޒިންގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާއަށް އޭނާ ވަނީ ކޯޓުގައި އެއްބަސްވެފަ އެވެ. އަދި އޭނާ ވަނީ އަދަބު ލުއިކުރަން ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފި އެވެ. އަދި ގެއްލުނު ފައިސާ ބޭންކަށް އަނބުރާ ދޭންޖެހޭ ގޮތަށް ވެސް އެ އެއްބަސްވުމުގައި ހިމަނާފައިވެ އެވެ.
އެހެންވެ, އޭނާގެ މައްޗަށް އަދަބު ކަނޑައެޅީ އިއުތިރާފްގެ އެއްބަސްވުމުގެ ދަށުންނެވެ.
އެ ކުށުގެ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށްވީ ނަމަވެސް އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން ކޯޓުން ވަނީ އެ 56،200ރ. ގެ ޖޫރިމަނައަކާ އެކު 40 ގަޑިއިރު މުޖުތަމައުއަށް ހިދުމަތް ކުރަން އަންގައިފަ އެވެ.
ހުކުމުގައި އަންގާފައިވަނީ ޖޫރިމަނާގެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!