ސައްހަ ނޫން ބެންކު ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަ އިތުރުވެ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި، ސައްހަ ނޫން ބެންކު ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައިވެއެވެ.

Ad
rt

ފުލުހުން ބުނިގޮތުގައި އެ މުއައްސަސާގެ ތަހުގީގުތަކުން ދައްކާގޮތުގައި، މިފަދަ ސައްހަ ނޫން ޓްރާންސްފާ ސްލިޕްތައް އުފައްދަނީ ވަކި ޚާއްޞަ އެޕްލިކޭޝަނެއް ބޭނުންކޮށްގެންނެވެ.

ޚާއްޞަކޮށް ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން މިފަދަ ސްލިޕްތައް ފޮނުވާކަން ވަނީ ފާހަގަކުރެވިފައިކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިން ރައްކާތެރިވުމަށްޓަކައި، ފުލުހުން ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ. އެގޮތުން، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށާއި، މިފަދަ ކަމެއްގެ ޝިކާރައަކަށްވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް އަންގާފައިވެއެވެ.

މީގެ އިތުރުން އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ވެސް އިތުރަށް ސަމާލުވުމަށް އިރުޝާދު ދީފައިވެއެވެ.