ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ހަނި ތަފާތަކުން ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރެއާލުގެ އމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ.

ރޭ މެޗުގެ ފުރަތަމަ މިނެޓުގައި ރެއާލުން ވަނީ ލީޑު ނަގާފައެވެ. ވިނީސިއަސް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ ރޭ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ލޫކަސް ވަޒްކޭޒްއެވެ.

Ad
rt

މުޅި މެޗު ކޮންޓްރޯލް ކޮށްގެން ރެއާލުން މޮޅަށް ކުޅުނުއިރު، އެ ޓީމްގެ ދެވަނަ ލަނޑު 40 ވަނަ މިނެޓުގައި ބެލިންހަމް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ އެމްބާޕޭއެވެ. މިއީ ލީގުގައި ކުޅުނު ހަތް މެޗުގައި އެމްބާޕޭ ޖެހި ފަސްވަނަ ލަނޑެވެ. ލީގުގެ ފުރަތަމަ ތިން މެޗުގައި އެމްބާޕޭއަށް ލަނޑެއް ނުޖެހުނު ނަމަވެސް ފަހަން ކުޅުނު ހަތަރު މެޗުގައި ވެސް އޭނާ ވަނީ ލަނޑު ޖަހާފައެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ރެއާލަށް ތިންވަނަ ލަނޑު ޖަހައިދނި ރޮޑްރިގޯއެވެ. ރެއާލުން ތިން ލަނޑުގެ ލީޑެއް ނެގުމާއިއެކު އެ ޓީމުން ފަސޭހަކަމާއިއެކު މެޗު ކާމިޔާބު ކުރާނެކަމަށެ ބެލެވުނެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުކޮޅު އަލަވޭސް އިން ކައިރި ކައިރީގައި ދެ ލަނޑު ޖަހައި ރެއާލް ހާސްކޮށްލިއެވެ.

އަލަވޭސްގެ ފުރަތަމަ ލަނޑު 85 ވަނަ މިނެޓުގައި ޖަހައިދނި ކާލޮސް ބެނަވިޑޭޒްއެވެ. އޭގެ މިނެޓެއް ފަހުން އެ ޓީމްގެ ދެވަނަ ލަނޑު ޖަހައިދނި ކިކޭ ގާސިއާއެވެ.

މި މޮޅާއިއެކު ޕޮއިންޓް ތާވަލުގެ ދެވަނާގައި ރެއާލް އޮތީ 7 މެޗުން ލިބުނު 17 ޕޮއިންޓާއިއެކުއެވެ. އެއްވަނާގައި އޮތް ބާސާއަށް 6 މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ގެތާފޭއާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނާގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު ބާސާއަށް އެބައޮތެވެ.