ކުދި ޖަޒީރާ ގައުމުތަކަކީ މަލީގޮތުން ފުދުންތެރި، އިގްތިސާދީގޮތުން ކުރިއަރާފައިވާ އަދި ވިލުންތެރި ގައުމުތަކަކަށް ހަދަންޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެކުވެރި ދައުލަތްތައް (އދ.)ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އެމެރިކާއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ބައްދަލުވުމުގެ ކުރިން ކުރިއަށްދިޔަ ސިޑްސްގެ "ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް" ގެ ހަވާސާ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް އަކީ މި ބައްދަލުވުމުގެ ކޯ ޗެއަރ އެވެ. މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ސިޑްސްގެ ޤައުމުތަކަށް ކުރިމަތިވެދާނެ ބޭރުގެ ލޮޅުންތައް ކުޑަކޮށް މާލީ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ސްޕެޝަލް ޑްރޮވިންގ ރައިޓްސް އަލުން އެކަށައެޅުމަށް ހުށައަޅުއްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސިޑްސްގެ ދެމިއޮތުމަށް އިގްތިސާދު ސިންދަފާތުކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެެއްކަމަށެވެ. އަދި އެކަން ކުރެވޭނީ ގައުމުތަކުގެ އުފެއްދުންތެރިކަން އިތުރުކޮށްގެންކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުދި ޖަޒީރާ ގައުމުތަކަކީ މަލީގޮތުން ފުދުންތެރި، އިގްތިސާދީގޮތުން ކުރިއަރާފައިވާ އަދި ވިލުންތެރި ގައުމުތަކަކަށް ހަދަންޖެހޭ ކަމަށެވެ.

އެ ބަދަލު ގެނައުމަށް މުޖްތަމައުގެ ބާރުވެރިކަން އިތުރުކޮށް، މުއައްސަސާތައް ހަރުދަނާކޮށް، އުފެއްދުންތެރިކަން އިތުރުކުރަންޖެހޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ދަރަނި ލުއިކުރުމާއި ކްލައިމެޓް ފައިނޭސްއާ ދެމެދު ހަރުދަނާ ގުޅުމެއް އޮންނަންޖެހޭކަމަށް ވަކާލާތުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީ.އެސް.އެސް.އެސް)ގެ ތެރެއިން ދަރަނި ދެއްކުމަށް އެކަށޭނަ، ފަހިގޮތްތަކެއް ހޯދުމަށް ރައީސް ގޮވާލެއްވިއެވެ. މީގެތެރޭގައި އިންޓްރެސްޓް ރޭޓް ދަށްކުރުމާއި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކުރުންފަދަ ކަންކަމަށް ސަމާލުކަންދިނުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.