ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލާން ފަށައިފިއެވެ.
މާރަންދޫ ކައުންސިލަށް މެންބަރަކު އިންތިހާބު ކުރަން ޖެހުނީ މި އަހަރުގެ ޖުލައި މަހު 13 ވަނަ ދުވަހު އެ ކައުންސިލްގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ޒަމީރު ނިޔާވުމާއި ގުޅިގެން އެ މަގާމު ހުސްވުމުންނެވެ.
މި އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 08:00 ގައި ފަށާފައިވާއިރު، މި މަގާމަށް ތިން ބޭފުޅަކު ވާދަ ކުރައްވައެވެ. އެއީ ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަބްދުލް ހަމީދާއި އަބްދުލްސައްތާރެވެ. އިދިކޮޅު އެމްޑީޕީން ވާދަކުރައްވަނީ ޝިހާމް މުހައްމަދެވެ.
މި އިންތިހާބުގައި ވޯޓުލުމަށް ދެ ތަނެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެއީ މާރަންދޫގައި ވޯޓުލާ މީހުންނަށް މާރަންދޫ ސްކޫލް ހޯލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓާއި، މާލޭގައި ވޯޓުލާ މީހުންނަށް ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ކޮންފަރެންސް ހޯލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދަން ނިންމާފައި ވަނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!