ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ފަރުހާދު ރަޝީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ފަރުހާދު ޖޭއެސްސީގެ މެންބަރަކަށް ޢައްޔަނުކުރަށްވާފައި ވަނީ، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.

Ad
rt

ފަރުހާދު ރަޝީދު، މި މަގާމަށް ޢައްޔަނު ކުރައްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ފަރުހާދު ރަޝީދު، ވަނީ، އެ ކޮމިޝަންގެ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ފަރުހާދު ރަޝީދަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންއެވެ.

ފަރުހާދު ރަޝީދު 2013 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ މަދަނީ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައެވެ.

ފަރުހާދު ރަޝީދު ވަނީ މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލަރސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން، 04 ސެޕްޓެމްބަރު 2008 ގައި އެކުލަވާލާފައިވާ މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ. ކޮމިޝަނުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރަމުން ގެންދަނީ ޤާނޫނުއަސާސީއާއި ޖުޑީޝަލްސަރވިސް ކޮމިޝަނުގެ ޤާނޫނާއި އަދި އެކިއެކި ޤާނޫނުތަކުން ކޮމިޝަނުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ ޤާނޫނީ އިމުގެ ތެރެއިންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރިމްކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރަކާއި، އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި، ރައީސުލްޖުމްހުރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅަކާއި ދަޢުލަތުގެ ބަންޑާރަނައިބުގެ އިތުރުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލެކެވެ.

ޖޭއެސްސީގެ މަސައްކަތް

  • އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުން.
  • އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، ބަދަލުން.
  • ފަނޑިޔާރުންނާބެހޭގޮތުން އުފުލާ ޝަކުވާތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
  • ފަނޑިޔާރުންގެ ވަޒީފާއާގުޅޭ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ކުރުން.
  • ފަނޑިޔާރުންގެ ވަޒީފާއާގުޅޭ ގަވާއިދުތަކާއި ފަނޑިޔާރުންނާގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމާއި އަދި ކޮމިޝަނުގެ އިދާރީ އެކިއެކި ކަންކަން ހިންގުމަށް ހަދަންޖެހޭ ގަވާއިދުތައް ހަދައި ފާސްކޮށް ހިންގުން.
  • ޢަދުލު އިންސާފު ޤާޢިމުކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި ކޯޓުތަކާގުޅޭ އެހެނިހެން ކަންތައްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ލަފާދިނުން.
  • ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން.
    ޝަރުޢީ ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލަފަޔާއި މަޝްވަރާ ދިނުން.
  • ފަނޑިޔާރުންގެ ޢިލްމީ ފެންވަރު މަތިކުރުމުގެ ގޮތުންނާއި ފަންނީ ހުނަރު އިތުރުކުރުމުގެ ގޮތުން ބާއްވަންޖެހޭ ބައްދަލުވުންތަކާއި، ސެމިނާރ އަދި ކޮންފަރެންސްތައް ބޭއްވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލަފަޔާއި މަޝްވަރާ ދިނުން.
  • ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން ކުރުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލަފަޔާއި މަޝްވަރާ ދިނުން.
  • އެކިއެކި ޖުޑީޝަލް ދާއިރާތަކުގެ މައްސަލަތައް ނުނިމި ލަސްވުމުގެ ސަބަބުން ނުވަތަ އެ ދާއިރާއެއްގައި މެޖިސްޓްރޭޓުން މަދުވުމުގެ ސަބަބުން މައްސަލަ ބެލުން ލަސްވަމުންދާނަމަ، ރަށްރަށަށް ފޮނުވަންޖެހޭ ޝަރުޢީ ވަފުދުތައް ފޮނުވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލަފަޔާއި މަޝްވަރާ ދިނުން.
  • ދިވެހިރާއްޖޭގެ ސުޕްރީމްކޯޓާއި، ހައިކޯޓުގެ ފަނޑިޔާރުން ފިޔަވައި، އެހެން ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލަފަޔާއި މަޝްވަރާ ދިނުން.
  • ކޯޓު ހިންގުމާ ޙަވާލުވެ ހުންނަ ފަނޑިޔާރު ޗުއްޓީއަށްދާނަމަ، އެ ކޯޓުގެ ހިންގުން އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ޙަވާލުކުރުމާގުޅޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލަފަޔާއި މަޝްވަރާ ދިނުން.
  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުން ޖުޑީޝަލް ސަރވިސް ކޮމިޝަނާ މަތިކުރެވިފައިވާ ކަންތައްތައް ކުރުން.