ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން، އަތޮޅުގެ ކުލަބް ޖަމިއްޔާތަކަށް އަމާޒުކޮށްގެން "ތިލަދެކުނު ފުޓްބޯޅަ މުބާރާތް" ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް އިއުލާން ކުރީ މިދިޔަ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުއެވެ.

މުބާރާތުގެ އިއުލާނާއިއެކު އަތޮޅު ކައުންސިލުން ގައިވައިދު އާންމު ކޮށްފައިވާއިރު، ގަވައިދުގައި އަތޮޅުގެ ފުޓްބޯޅައަށް ބޭނުންތެރި އެހާމެ މުހިންމު މަގުސަދުތަކެއް ވެސް ވަނީ ހިމަނާފައިވެއެވެ.

Ad
rt

މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހދ.އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، ފުޓްބޯޅަ ކުޅެން ބޭނުންވާ ކުޅުންތެރިންނަށާއި ޓީމްތަކަށް އެ ފުރުސަތު ހޯދައި ދިނުމާއި، އަތޮޅުގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުވެ އެކުވެރިކަން އާލާކުރުމުގެ އިތުރުން އަތޮޅުގެ ޒުވާނުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް ހިތްވަރު ދިނުން ހިމެނެއެވެ.

ކަރުދާހުގައި ލިޔެފައިވާ މަގުސަދުތައް ކިތަންމެހާ ވެސް ރަނގަޅެވެ. އުފެދޭ ސުވާލަކީ ގަވައިދު އެކުލަވާލާފައިވާ ގޮތުން އެ މަގުސަދުތައް ފުރިހަމައަށް ހާސިލް ކުރުމަށް ބާރު ލިބޭތޯއެވެ؟

މުބާރާތުގެ ހިންގާ ގަވައިދުގެ ނުވަވަނަ މާއްދާގެ ހަތަރުވަނަ ނުކުތާގައި ބުނެފައިވަނީ މުބާރާތުގައި ބައިވެރިވާ ޓީމް ލިސްޓުގައި ދިވެހިރާއްޖޭގެ ކުޅުންތެރިން ކިތަންމެ ވަރަކަށް ވެސް ހިމެނިދާނެ ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުން ހިމެނޭނީ ދެ ކުޅުންތެރިން ކަމަށެވެ.

ގަވައިދުގެ ދޯހަޅިކަމުން މިކަމުގެ ފައިދާ/ނާޖާއިޒު ފައިދާ މުބާރާތުގައި ބައިވެރިވި އެއް ޓީމުންވަނީ ވަރަށް ވަރަށް ފުރިހަމައަށް ނަގާފައެވެ. ހދ.އަތޮޅުގެ ޖަމިއްޔާއެއްގެ ނަމުގައި ބައިވެރިވެފައިވާ އެ ޓީމްގައި ހިމެނޭ 22 ކުޅުންތެރިންނާއި 5 އޮފިސަލުންނަކީ ހދ.އަތޮޅަށް ނިސްބަތްނުވާ ކުޅުންތެރިންނާއި އޮފިސަލުންނެވެ.

ހދ.އަތޮޅު ކައުންސިލުން މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ލިސްޓް މީގެ ދެ ދުވަހެއް ކުރިން އާންމު ކުރުމާއިއެކު، ގިނަބައެއްގެ ފާޑުކިޔުން ވަނީ އެ ކައުންސިލަށް އަމާޒުވެފައެވެ. ބައެއް މީހުންވަނީ މިއީ ތިލަދެކުނު މުބާރާތެއްތޯ ނުވަތަ ތިލަދުންމައްޗަށް ހާއްސަ މުބާރާތެއްތޯ ބުނެ ސުވާލު އުފައްދާފައެވެ. އަތޮޅުން ބޭރުން ލިމިޓެއް ނެތި ކުޅުންތެރިން ހިމަނައިގެން، މުބާރާތް ހިންގުމުން، ހާސިލް ކުރަން ބޭނުންވާ އަސްލު މަގުސަދު ހާސިލް ވޭތޯ ބުނެ ވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ.

ތިލަދެކުނު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެފައިވާ ޓީމެއްގެ ލިސްޓެއް، މި ލިސްޓުގައި ހދ. އަށް ނިސްބަތްވާ އެއްވެސް ކުޅުންތެރިއަކު ނެތް

ހދ.އަތޮޅު ފުޓްބޯޅަ މުބާރާތްތަކުގައި ކުޅެ އަދި މިހާރު ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވަމުން އަންނަ، ހދ.ހިރިމަރަދޫއަށް އުފަން އޭއެފްސީ "ބީ"ލައިސަން ކޯޗް، ހުސައިން ފަޔާޒް މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ބުނީ އަތޮޅު ފުޓްބޯޅަ މުބާރާތެއް، އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާނަމަ އޭގެ އެންމެ ބޮޑު މަގުސަދަކަށްވާން ޖެހޭނީ އަތޮޅުގެ ފުޓްބޯޅަ ކުރިއެރުވުން ކަމަށާއި، މިގޮތުން އަތޮޅުގައި ތިބި ފުޓްބޯޅަ ކުޅެން ބޭނުންވާ ކުޅޭހިތްވާ ކުޅުންތެރިންނަށް އެންމެ ފަހި ފުރުސަތު އެ މުބާރާތެއްގައި ފަހިވެފައި އޮންނަންވާނެ ކަމަށެވެ.

އަތޮޅުގެ ގިނަ ކުޅުންތެރިންނަށް މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބޭ ގޮތަށް ގަވައިދުން ވެސް އޮންނަންވާނީ ހަމަޖެހިފާކަން ފާހަގަ ކުރަމުން އޭނާ ބުނީ ގަވައިދެއް އޮތުމުގެ ބޭނުމަކީ ވެސް އެއީކަމަށެވެ.

"ގަވައިދެއްގެ ބޭނުމަކީ މަގުސަދު ހާސިލް ކުރުމަށް ހަނިކުރަންޖެހޭ ކަންކަން ހަނިކޮށް ފުޅާކުރަން ޖެހޭކަންކަން ފުޅާކޮށް، މަގުސަދު ހާސިލްވާނެ ގޮތައް އެކަން ބައްޓަން ކުރުން" ފަޔާ ބުންޏެވެ.

ފަޔާ އިތުރަށް ބުނީ މުބާރާތްތަކުގައި ރަށުން ބޭރުން ނުވަތަ ގައުމުން ބޭރުން ތިން ހަތަރު ކުޅުންތެރިއަކު ޓީމުގައި ހިމަނަން ފުރުސަތު ދިނުމުގައި ވަރަށް މުހިންމު މަގުސަދެއް އޮންނަ ކަމަށެވެ. މިގޮތަށް ހިމަނާ ކުޅުންތެރިންނަކީ ޓީމްގައި ދެން ތިބޭ ކުޅުންތެރިންނަށް ވުރެ ވިސްނުމާއި ހުނަރުގެ ގޮތުން ވެސް ރަނގަޅު ކުޅުންތެރިންނަށް ވުމުން، އެ ކުޅުންތެރިންނާއިއެކު ކުޅެން ފުރުސަތު ލިބުމުން ދެން ޓީމްގައި ތިބޭ ކުޅުންތެރިންގެ ފަރާތުން އޭގެ ހެޔޮބަދަލު ފެންނަ ކަމަށެވެ.

ފަޔާ އިތުރަށް ބުނީ އަތޮޅުގެ ޖަމިއްޔާއެއްގެ ނަމުގައި 100 އިންސައްތަ އެހެން އަތޮޅެއްގެ ކުޅުންތެރިން ހިމެނޭ ޓީމެއް ބައިވެރިވުމަކީ މުބާރާތުގެ އަސްލު ރޫހާއި ވެސް ހިލާފުކަމެއްގެ ގޮތުގައި ވިސްނޭ ކަމަށެވެ.

ސަރުކާރުން ގައުމީ ފެންވަރުގައި ކުރިއަށް ގެންދިޔަ އަތޮޅު މުބާރާތްތަކާއި ޒޯން މުބާރާތްތައް ހުއްޓާލާފައިވާ މިފަދަ ދުވަސްވަރެއްގައި އަތޮޅު ކައުންސިލުން އިސްނަގައިގެން، އަތޮޅުގެ ރަށްތަކަށް މުބާރާތެއް ބާއްވާކަމީ އަތޮޅުގައި ފުޓްބޯޅަ ކުޅޭހިތްވާ ޒުވާނުންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެކެވެ. ދެން އޮތީ ތަޖުރިބާއިން ކަންކަން ދަސްކޮށް މިފަދަ މުބާރާތްތައް ހިންގުމުގައި ގެންނަން ޖެހޭ ހެޔޮބަދަލުތައް ކުރިއަށް އޮތްތަނުގައި ގެނެސް ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.