އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތަކާގުޅޭ އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) ވެބްސައިޓް އިއްޔެ ލޯންޗްކޮށްފި އެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އުތުރުގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ދިނުމާގުޅޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެކު ސޮއިކުރީ މިދިޔަ އޯގަސްޓް މަހުގެ 23 ވަނަ ދުވަހުއެވެ.
އިއްޔެ ލޯންޗް ކުރި މި ވެބްސައިޓަކީ އެމްޕީއެލުން ރާއްޖޭގެ އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓެކެވެ.
މިކަމަށް އިއްޔެ އެމްޕީއެލްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި ވެބްސައިޓް ލޯންކޮށްދެއްވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމެވެ.
މި ވެބްސައިޓް މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދޭ އެޖެންޓުންނާއި ލިބެން ހުރި ހިދުމަތްތަކުގެ މައުލޫމާތުތައް އިންޓަނޭޝަނަލް މާކެޓަށް ލިބޭގޮތަށް ވަނީ ހަދާފައެވެ.
ވެބްސައިޓު ލޯންޗުކުރި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ މި ވެބްސައިޓަކީ ރާއްޖޭގެ އެންމެ އުތުރުގައި ފަށާ މެރިޓައިމް ހިދުމަތްތައް ބޭރުގެ މާކެޓަށް ފޯރުކޮށްދީ، ބޭރުގެ ފަރާތްތަކަށް އެތަނުން ލިބެން ހުރި ހިދުމަތްތަކުގެ މައުލޫމާތު ލިބޭނެ ވެބްސައިޓެއް ކަމަށެވެ.
ރާއްޖޭގައި ފަށާ މެރިޓައިމް ހިދުމަތްތައް ސަރުކާރުން ހަވާލުކޮށްފައިވަނީ އެކުންފުންޏާކަމުން، ބަންކަރިންއާއެކު އެކި ކުންފުނިތަކާއި ގުޅިގެން އެކި ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް އެ ކުންފުނިން ކުރާނެ ކަމަށް ވަޖީހު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި ފަށަން ތައްޔާރުވަމުން އަންނައިރު، މި މަޝްރޫޢު ހިންގަނީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިސްވެ އޮވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!