ހުކުރު ދުވަހު މިމްބަރުމަތީ ހުރެ އިސްލާމީ އުންމަތަށް ހެޔޮބަސް އިއްވުމުގެ ޝަރަފް ލިބިގެންދާ ޒުވާނާއަކީ އެންމެ ހެޔޮ އެންމެ ނަމޫނާ ޒުވާނާ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެމަނިކްފާނު މިހެން ވިދާޅުވެފައި ވަނީ ޒުވާން ޚަތީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި ޚަތީބުކަމުގެ ސަނަދު ހާސިލްކުރި 209 ޚަތީބުންނަށް ސަނަދު އެރުވުމަށް މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައު ބޭނުން ޖެހިފައިމިވަނީ ޒުވާނުންނަށް ކަމަށާއި މި މުޖުތަމައު މިއަދު އެދި ގޮވަނީ ނަމޫނާ ޒުވާނުންނަށް ކަމަށެވެ.
އެންމެ ނަމޫނާ ޒުވާނަކީ ހުކުރު ދުވަހުގެ މިމްބަރުގެ މަތީން މުޖުތަމައަށް ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީކޮށް، މަތިވެރި މަގާމުގައި އިސްލާމް ދީނުގެ ދައުވަތު ފޯރުކޮށްދޭ ޒުވާނާކަމާއި މެދު ޝައްކު ނުކުރައްވާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތަކަށް ނަހީ ކުރުމަކީ ރަސޫލުބޭކަލުންގެ މަންހަޖު ކަމަށާއި، އެއީ ރަސޫލު ބޭކަލުންގެ ރިސާލަތުގެ އަސްލު ކަމަށެވެ. އެހެންކަމުން ހުކުރު ދުވަހުގެ މެމްބަރުމަތީގައި ހުތުބާގެ މަގާމުގައި ހުއްޓިހުރެ ނަސޭހަތް ދިނުމުގެ މަތިވެރި ޝަރަފް، އިސްލާމީ އުންމަތަށް ހެޔޮބަސް އިއްވުމުގެ ޝަރަފް ލިބިގެންދާ ޒުވާނާއަކީ އެންމެ ހެޔޮ އެންމެ ނަމޫނާ ޒުވާނާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!