ހއ. އިހަވަންދޫގައި ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް ބިމެއް ކުއްޔަށް ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ހުޅުވާލައިފި އެވެ.

މިގޮތުން އެ ރަށުގެ އިރު އުތުރު ފަރާތު ބަނދަރު ސަރަޙައްދުގައި އޮތް 7250 އަކަފޫޓުގެ ބިމެއް 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.

Ad
rt

ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބިމުގެ ކުލި ފެށޭ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް މަހަކު 1 ރުފިޔާއެވެ. އަދި ބިން ހަވާލުކުރާތާ ފުރަތަމަ 3 މަސް ތެރޭގައި އިމާރާތްކުރުމުގެ މަސައްކަތް ފަށަންޖެހޭނެއެވެ. އަދި 18 މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށަންޖެހޭނެއެވެ.

މި ޝޮޕިންގ ކޮމްޕްލެކްސްގައި އިމްޕޯޓު މުދާ، ހޮޓާ، ކެފޭ، ރެސްޓޯރަންޓް، ސެލޫން، ކްލިނިކް އަދި ރީޓެއިލް ވިޔަފާރިތައް ކުރެވޭނެއެވެ. އަދި މަދުވެގެން 2 ފަންގިފިލާ، 5 ފިހާރަ، ޕާކިންގ ޒޯނެއް އަދި 2 ފާޚާނާ ހިމަނަންޖެހޭނެއެވެ.

މި ޕްރޮޖެކްޓަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް އިހަވަންދޫ ކައުންސިލް އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއެއް ގެންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަށްލައި ބަންދުކޮށް ނުވަތަ ބައިންޑުކޮށް ނުވަތަ އެއްހީރާސްކޮށް، " ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް ދޫކުރާ ކުލީ ބިން " ހޯދުމަށްއެދި ހުށަހަޅާ ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 6500504 ނުވަތަ 6500288 ނަންބަރު ފޯނާ ގުޅުމަށް ވެސް ކައުންސިލުން ވަނީ އަންގާފައެވެ.