ސާފުތާހިރުކަމެއްނެތި ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން އުޅެނީ ޤަވާޢިދުގެ ތެރޭގައިތޯއާއި، އެމީހުން ވިޔަފާރިކުރަމުން ދަނީ ޤާނޫނީ އިމުގެ ތެރެއިންތޯބަލައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.

Ad
rt

މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި މިހާތަަނަށް ޤަވާޢިދުން ބޭރުން ވިޔަފާރިކުރާ އެތައްތަނެއް ބަލާފާސްކޮށް، ޤަވާޢީދުން ބޭރުން އުޅޭ ގިނަ އަދަދެއްގެ ބިދޭސީންނާމެދު ވަނީ ފިޔަވަޅުއަޅާފައެވެ. އަދި ޤަވާޢިދުން ބޭރުންނާއި، އެއްވެސް ސާފުތާހިރުކަމެއްނެތި ބިދޭސީން އޮޕަރޭޓްކުރަމުން އައި ތަންތަން ވަނީ ބަންދުކޮށް، އެމީހުން ހުއްޓުވާފައެވެ.

އިމިގްރޭޝަނުން ރޭގައި ބުނީ ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމުގައި ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، މާލޭގެ ގެއެއް ގައި ބިދޭސީން ކުރަމުންދިއަ ވިޔަފާރިއަކާ ގުޅިގެން ޓާސްކު ފޯސް އަށް ލިބިފައިވާ މަޢުލޫމާތަކާއި ގުޅިގެން 24 އޯގަސްޓް 2024 ގައި ވަނީ އެތަން ބަލައި ފާސްކޮށްފައިކަމަށެވެ.

މ.އެކިފަރުގޭގައި ހިންގަމުން ދިޔަ މިތަނުގައި ގަވާއިދާ ހިލާފަށް ތިބި ތިން ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށް އިމިގްރޭޝަނުން ބުންޏެވެ.

''އަދި ކަމާގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއެކު މިތަނުގައި ކުރަމުން ދިއަ ވިޔަފާރި ހުއްޓުވުމަށް ވަނީ ނޯޓިސް ދީފައި'' އެތަނުގެ ވީޑިއޯ އާންމުކޮށް، އިމިގްރޭޝަނުން ބުނެފަވެއެވެ.

މިދިޔަ ހަފްތާގައި ވެސް އިމިގްރޭޝަނުން ވަނީ ޤަވާއިދާ ޚިލާފަށް އުޅުނު ބިދޭސީންތަކެއް ސާފުތާހިރުކަމެއްނެތި ކާބޯތަކެތި ތައްޔާރުކުރާތަނެއް ބަލާފާސްކޮށް 10 ބިދޭސީއަކު ހައްޔަރުކޮށްފައެވެ.