ޤައުމުގެ ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމަވާފައި ވަނީ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މާލީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު އެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ.

Ad
rt

މި ފިޔަވަޅުތަކުގެ ތެރޭގައި އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް، ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވައިލައި، އެ ފައިސާ ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ޤައުމުގެ ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތައް

  • ސަރުކާރުން ކުންފުނިތަކަށް ދޭންހުރި ފައިސާގެ ތަފްސީލާއި އެ ފައިސާ ދޭންހުރި ބޮޑެތި ވެންޑަރުންނަށް ދައުލަތަށް ލިބޭ އާމްދަނީން މި ފައިސާ ދައްކާ ޚަލާސްކުރުން
  • ކޮންމެ މަހަކު ވެންޑަރުންނަށް ދެއްކުމަށް ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި، އެންމެ ގިނަ ދުވަސްވީ ބިލުތަކުގެ ތަރުތީބުން، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދެވުން
  • ކަނޑައެޅޭ ވަކި މިންވަރަކަށްވުރެދަށުގެ ބިލުތަކަށް ފައިސާ ދައްކާނެ އަދަދެއް ކަނޑައަޅައި، ދެބައި ވަކިން ބެލެހެއްޓުން
  • ދައުލަތުން ނުދެއްކި ހުރި ފައިސާގެ ބަދަލުގައި، ވެންޑަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ފަދަ ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުން
  • ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސުން
  • ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ (ޚާއްޞަކޮށް މީރާއަށް ޓެކުހުގެ ގޮތުގައި ދައްކަންޖޭ ފައިސާ)، އިން އޮފްސެޓް ކުރުން

މީގެ އިތުރުން މާލީ ވުޒާރާއިން ހުށަހެޅުއްވި ލޯނު އޮޕްޝަންތަކުގެ އިތުރަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލޯނު ލިބޭނެ އިތުރު އޮޕްޝަންތައް ބައްލަވައި އެކަމަށް މަސައްކަތްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ވަނީ ނިންމަވާފައެވެ.