މެސެޖިން އެޕް ޓެލެގްރާމްގެ ރަޝިޔާގެ ބާނީ ޕަވެލް ޑޫރޯވް މިއަދު ފްރާންސްގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
ޑޫރޯވް ހައްޔަރުކުރެވުނީ އަމިއްލަ ޖެޓެއްގައި ޕެރިހަށް ވަޑައިގަތުމަށާއިއެކު އެވެ.
ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިބްތިދާއީ ތަހުގީގެއްގެ ތެރެއިން ޑޫރޯވް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެއެވެ. އޮފިޝަލުން ބުނާ ގޮތުގައި ޓެލެގްރާމްގެ އެކަށީގެންވާ މޮޑެރޭޝަނާއި އެންކްރިޕްޝަން ޓޫލްސް އާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކާ އެއްބާރުލުން ނުދިނުމުން މަސްތުވާތަކެތީގެ ވިޔަފާރިއާއި ޕީޑޯފިލިއާގެ ކުށްތަކާއި މަކަރާއި ހީލަތުގައި ޑޫރޯވް ބައިވެރިވާ ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.
މި ކުށްތައް ސާބިތުވެއްޖެނަމަ ޑޫރޯވްއަށް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑޫރޯވް ހައްޔަރުކުރީ، އެމެރިކާގެ ތާއީދާއެކު ޕެރިހުން ޓެލެގްރާމްގެ ބާނީއަށް ޕްރެޝަރުކޮށްގެން ހުޅަނގުގެ ޖާސޫސީ ފަރާތްތަކަށް އެޕްގެ ބެކްޑޯއެއް ދިނުމަށް މަސައްކަތްކޮށް ނާކާމިޔާބުވުމުންނެވެ.
މި ހާދިސާއާ ގުޅިގެން ރަޝިޔާއިން ފްރާންސަށް ވަނީ ޑިޕްލޮމެޓިކް ނޯޓެއް ފޮނުވާފައެވެ. މި މައްސަލައިގެ އިތުރު ތަފްސީލް އަދި ލިބިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!