ގދ. ތިނަދޫގައި ބޭއްވުނު އުރީދޫ މަސްރޭސް 2024 ގެ ޗެމްޕިއަންކަން ބްލެކް އޭންޓް ފިޝިންގ ޓީމުން ހޯދައިފި އެވެ.
މި ޓީމުން ވަނީ ޖުމްލަ 1665.81 ޕޮއިންޓް ހޯދާފައެވެ. އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު ބޭއްވުނު މި މަސްރޭސް ފެށުނީ 23 އޯގަސްޓް ވީ ހުކުރު ދުވަހުއެވެ. މި މުބާރާތުގައި ޖުމްލަ 8 ޓީމު ބައިވެރިވެފައިވެއެވެ.
ދެވަނައަށް ދިޔައީ 523.25 ޕޮއިންޓާއެކު ޓީމް އެމް.އައި.ބީ އެވެ. އަދި ތިންވަނައަށް ދިޔައީ 478.85 ޕޮއިންޓާއެކު ހޯނޑެއްދޫ މަސްވެރިންނެވެ.
މި މުބާރާތުގައި އެންމެ ބަރު މަހުގެ ގޮތުގައި ބްލެކް އޭންޓް ފިޝިންގ ޓީމުގެ އަބްދުﷲ ދީދީ ވަނީ 7.15 ކިލޯގެ ހަންޖެއް ހިފާފައެވެ. އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް ހޮވުނީ ހޯނޑެއްދޫ މަސްވެރިންގެ ދައުސް ހަސަންއެވެ. އޭނާ ވަނީ 12 މަސް ހިފާފައެވެ. އެންމެ މޮޅު އަންހެން ކެޔޮޅުންގެ ގޮތުގައި ހޮވުނީ ޓީމު އެމް.އައި.ބީގެ އާތިކާ މުހައްމަދު އަދި އައިޝަތު ނޫފާ އަލީއެވެ. މި ދެ ކެޔޮޅުން ވަނީ 4 މަސް ހިފާފައެވެ.
އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި މަސްވެރިކަމުގެ މުބާރާތް މިއަހަރު ވަނީ އިތުރަށް ކުލަގަދަކޮށް ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!