މޯލްޑިވްސް އިމިގްރޭޝަން ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގެ ފޮޓޯ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ސައްހަ ފޮޓޯއެއް ނޫންކަމަށް އެ އިދާރާއިން ބުނެފިއެވެ.
ބުޅާމަހުގެ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން ބުޅާ މަސް ބޭނުންކޮށްގެން ތައްޔާރުކުރާ ތަކެތި ވިއްކަން ބަހައްޓާ ފިހާރަތަކެއްކަމަށް ބުނެ، އިމިގްރޭޝަން ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއްކަމަށް ދޭހަވާގޮތަށް ފިހާރަތަކެއް ލިސްޓެއް ފެންނަ ފޮޓޯއެއް މިއަދު ވަނީ މީސްމީޑިއާގައި ދައުރުވާން ފަށާފައެވެ.
އެ ފޮޓޯ (ސްކްރީންޝޮޓް) އާއި ގުޅިގެން އިމިގްރޭޝަނުން ބުނީ އެއީ ސައްހަ ފޮޓޯއެއް ނޫންކަމަށާއި، އެފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުކުރެއްވުން އެދޭކަމަށެވެ.
މިކަމާއި ގުޅިގެން ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާނު ވަހީދު އެކްސްގައި ވިދާޅުވީ، އާއްމު މަސްލަހަތާއި ގުޅުން ހުރި ކަންކަމުގައި މަޢުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ޚަބަރު ފެތުރުމަށާއި ސޯޝަލް މީޑިއާގެ ޕޯސްޓް ޝެއަރ ކުރުމުގައިވެސް މަޢުލޫމާތުގެ ސައްޙަ ކަން ކަށަވަރު ކުރުމަށް އެދޭކަމަށެވެ.
''ބުޅާ މަރާ އަދި އޭގެން ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ކުރެވިފައިވާ މީހާ ގެ ތަހުޤީގު، ކަމާ ގުޅުންހުރި އިދާރާތަކުގައި ކުރިއަށްގެންދާ ވާހަަކަ ދަންނަވަން" ޝައްމާނު ވިދާޅުވެފަވެއެވެ.
ބުޅާ މަރާ އަދި އޭގެން ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ކުރެވިފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރުމަށްފަހު އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ބޯބާލަން ސެލޫނަކަށް ގޮސް ހުއްޓައެވެ. ބެލެވޭގޮތުގައި އޭނާ މަސައްކަތްކޮށްފައި ވަނީ ސިފަ އޮޅުވާލާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!